ދުނިޔޭގެ ތާރީހުގައި ވެސް ކުރެވުނު އެންމެ އަނިޔާވެރި ހަނގުރާމަ ކަމަށްވާ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ފުރަތަމަ ފަހަރަށް ޖަރުމަނުން އެ ގައުމުގެ ސިފައިން އެހެން ގައުމަކަށް ފޮނުވަން ނިންމައިފިއެވެ.

ޖަރުމަނުން ވަނީ 4000 ސިފައިންގެ ލަޝްކަރެއް ލިތުއޭނިއާގައި ގާއިމްވެ ތިބުމަށް ފޮނުވަން ނިންމާފައެވެ. މި ސިފައިން މަރުކަޒުވެ ތިބޭނީ ލިތުއޭނިއާގެ ދެ ސަހަރެއްގައެވެ. އަދި މި ސިފައިންގެ ފައުޖުގެ މައިގަނޑު މަގްސަދަކަށް ވާނީ ލިތުއޭނިއާގެ އަސްކަރީ ވަސީލަތްތައް ހަރުދަނާ ކުރުމާއި، އަސްކަރިއްޔާ ހިންގުމުގައި ޒަމާނީ އުކުޅުތައް އަށަގެންނެވުމެވެ. މި ދެގައުމުން މިހާރު ވަނީ މި ކަމަށް ހާއްސަ މަގުޗާޓެއް އެކުލަވާލައި، ވީހާ ވެސް އަވަހަށް މަސައްކަތް ފެށުމަށް އެއްބަސްވެފައެވެ.

ލިތުއޭނިއާގެ ދިފާއީ ވަޒީރު އަރްވިޑާސް އަނުސޯސްކަސް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މިއީ ލިތުއޭނިއާގެ މުސްތަގްބަލަށް އެޅިގެންދާ މުހިންމު އަދި ތާރީހީ ފިޔަވަޅެއް ކަމަށެވެ.

"މިއީ ލިތުއޭނިއާގެ އަސްކަރިއްޔާ ވަރުގަދަވެ ދިގު މުސްތަގްބަލަކަށް އަހަރުމެންނަށް ރަނގަޅު ތަމްރީނުތަކެއް ލިބިގެންދާނެ ކަމެއް. އަދި މިއީ ނޭޓޯގެ ގައުމުތަކުގެ ގުޅުން ބަދަހިވާނެ ކަމެއް." ދިފާއީ ވަޒީރު އަނުސޯސްކަސް ވިދާޅުވިއެވެ.

ޖަރުމަނުގެ ދިފާއީ ވަޒީރު ވެސް ވަނީ މިއީ ތާރީހީ ދުވަހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ނޭޓޯގެ ގައުމުތަކުގެ މެދުގައިވާ އެކުވެރިކަމާއި، ކަންކަމުގައި އެހީތެރިވުމުގެ ސަގާފަތް އަހަރެމެން މި ދިރުވަނީ. މި ކަމުގެ ސަބަބުން ލިތުއޭނިއާގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަވެގެން ދާނެ." ޖަރުމަނުގެ ދިފާއީ ވަޒީރު ބޮރިސް ޕިސްޓޯރިއަސް ވިދާޅުވިއެވެ.

ލިތުއޭނިއާ އަކީ ޔޫރަޕުގައި ޔޫކުރޭންއާ ޖެހިގެން އޮންނަ ގައުމެކެވެ. އަދި ރަޝިއާގެ އެންމެ އަރިސް އެއް ގައުމު ކަމަށްވާ ބެލަރޫސް އާއި ވެސް ލިތުއޭނިއާ އިން ސަރަަހައްދީ އިން ހިއްސާ ކުރެއެވެ. ޖަރުމަނުގެ ސިފައިން ލިތުއޭނިއާގައި މަރުކަޒުވެ ތިބޭ ގޮތަށް މި ހެދީ ރަޝިއާގެ ބިރަށް ކަމަށް ވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.