ޣައިރު ޤާނޫނީ ޔަހޫދީންގެ ދައުލަތް އިސްރާއީލާއި ފަލަސްތީނުގެ މުގައްދަސް ބިން ހިމާޔަތް ކުރުމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި އިސްރާއީލްގެ ޔަހޫދީ އަނިޔާވެރި ސިފައިން ބަނޑުހައިހޫނުކަން ހަތިޔާރަކަށް ހަދަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ.

ދުނިޔޭގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާ އަދި އެކަމަށް މަސައްކަތް ކުރާ މި ޖަމިއްޔާއިން އެންމެ ފަހުން ނެރުނު ރިޕޯޓް ގައިވާ ގޮތުން އިންސާނީ ރަހުމެއް ނެތް ޔަހޫދީ ސިފައިން މިހާރު ވަނީ ބަޑުހައިހޫނުކަން އެމީހުންގެ ފައިދާ އަށް ބޭނުންކުރާ އުކުޅަކަށް ހަދާފައެވެ.

މިކަން ޔަހޫދީން ކުރަމުންދަނީ ފަލަސްތީނުގެ ޣައްޒާ އަށް ކާބޯތަކެތި ވަނުން މަނާ ކޮށްގެންނެވެ. ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި ވެސް ޣައްޒާ އަށް ވެއްދުން އިސްރާއީލުން ވަނީ މަނާ ކޮށްފައެވެ. މިއީ އިންސާނީ ހައްގުތަކަށް ޔަހޫދީން ފާޅުގައި މަލާމާތްކޮށް ހުރަސް އެޅުން ކަމުގައި އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން މިއީ ހަނގުރާމައިގެ ޖަރީމާއެއް އަދި ބޮޑު ކުށެއް ކަމަށާއި، މިކަން ވީހާވެސް އަވަހަށް ތަހްގީގުކުރުމަށް އެ ޖަމިއްޔާ އިން ވަނީ ދުނިޔެ އަށް ގޮވާލާފައެވެ.

ޔަހޫދީ ސިފައިންގެ އަތުގައި އެންމެ ޒަމާނީ ފަހުގެ ހަތިޔާރު އެބަހުއްޓެވެ. އެއީ އެމީހުންގެ ޒަމާންވީ އެކުވެރިޔާ އަދި ދުނިޔޭގެ ނިރުބަވެރިކަމުގެ ބައްޕަ ކަމަށްވާ އެމެރިކާ އިން މެދުނުކެނޑި ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރުގެ އެހީ އާއި ހަތިޔާރު އެމީހުންނަށް ދޭތީއެވެ.

ނަމަވެސް އާދައިގެ ރައިފަލް ހިފައިގެން އުޅޭ ފަލަސްތީނުގެ ލޮބުވެތި މުޖާހިދުންގެ މައްޗަށް އެމީހުންނަކަށް ނަސްރެއް ނުހޯދެއެވެ. އެންމެ ފަހުގެ ހަތިޔާރު ބޭނުން ކޮށްގެންވެސް މުޖާހިދުންގެ ހިތްވަރާއި ވަރުގަދަ އަޒުމް މުގުރާނުލެވުނެވެ. މިކަމުގެ ސަބަބުން ޔަހޫދީ ޣައިރު ޤާނޫނީ އިސްރާއީލްގެ ދައުލަތުން ދަނީ އެކި އުކުޅުތައް ބޭނުން ކޮށްގެން ހަނގުރާމަ ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިސްރާއީލް ގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ ރައްޔިތުން ހަމާސް އާއި ދެކޮޅު ވެއްޖެ ނަމަ ޣައްޒާ އަކީ ތަރައްޤީގެ އުސްމިންތަކުގައި އުދުހޭ ސަހަރަކަށް ހަދައިދޭނެ ކަމަށް ކުރިން ބުނެފައެވެ. ނަމަވެސް ޣައްޒާ ރައްޔިތުންނަށް ދޮގުވެރި ކައްޒާބެއްގެ ބަހަށްވުރެ އެމީހުންގެ އަމިއްލަ ލޮބުވެތި މުޖާހިދުންގެ މަސައްކަތް މާ މުހިއްމެވެ. ދުނިޔެވީ ވަގުތީ މަންފާއަކަށް ވުރެ ފަލަސްތީނުގެ މުގައްދަސް ބިން މިނިވަންވުން މާ މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީރާ

    މި ޔަހޫދީން އެއީ ކޮން ބައެކަން ކަން އެގޭ އިރު ޔުރަފުގެ ޗެނަލް ތަކުން މިކަމަށް ބަހެއް ބުނަން ނުކެރި މުސްލިމުން ޖަމާތް ތަށް ޓެރަރިސްޓުން ނޭކިޔުން ނުންކަމެއް ނެތް. އެމެރިކާގެ އެއްފަޅީގަ ޔަހޫދީން ގެން ގުޅޭ ނަމަ އެބުނާ ޓެރަރިސްޓުން ނެއް ގެ އުދަގުލެއް ނުވީސް

  2. ބަނޑު

    އެ އީ ހަމާސް ޖަމާޢަތުގެ ބޮޑެތި ޓަނެލްތަކާއި، އެ ޖަމާޢަތުގެ ވެރިން ތިބީ ޣައްޒާ ރައްޔިތުންގެ ގޮހޮރު އަޑީގައި ޙިމާޔަތް ހޯދައިގެން. އެހެންވެގެން ދެން މި އުކުޅުވެސް ވާނީ ބޭނުންކުރަންތާ!!!