ޔަމަންގެ ކޮންޓްރޯލް އޮންނަ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ، ޓާސްކް ފޯސްއެއް އުފައްދައިގެން މަސައްކަތް ކުރި ނަމަވެސް އެކަމާ ބިރުނުގަންނަ ކަމަށާއި ޔަމަންގެ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އެ ޖަމާއަތުން މިއަދު ބުނެފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ދެކޮޅަށް ހޫތީ ހަނގުރާމަވެރިން ވަނީ ނުކުމެފައެވެ. ހޫތީ ހަނގުރާމަވެރިން ދަނީ ރަތް ކަނޑުގެ ސަރަހައްދުން ދަތުރު ކުރާ އަދި އިސްރާއީލަށް ވާގިވެރިވާ ކޮންމެ ކަނޑުގެ އުޅަނދަކަށް ހަމަލާތައް ދެމުންނެވެ. ހޫތީ ހަނގުރާމަވެރިން ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާތައް ދިނުން ހުއްޓާލަން ދެން، މި ހަމަލާތައް ކަނޑުގެ އުޅަނދުތަކަށް ދިނުމުގައި ދެމިތިބޭނެ ކަމަށް ބުނަމުންނެވެ.

ހޫތީ ހަނގުރާމަވެރިންގެ ހަރަކާތްތައް ރަތް ކަނޑުގެ ސަރަހައްދުގައި ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން އެމެރިކާ އަށް އެކަން ބަލައެއް ނުގަނެވުނެވެ. އެމެރިކާ އިން ވަނީ އެކަމާ ދެކޮޅަށް ތެދުވެ، އެ ގައުމަށް ވާގިވެރިވާ 10 ގައުމަކާ އެކީގައި ކޯލިޝަނެއް ހަދައި ހޫތީންނާ ދެކޮޅަށް މަސައްކަތް ކުރަން ފަށައިފިއެވެ.

އިރާންގެ މަދަދު ލިބިފައިވާ ހޫތީ ހަނގުރާމަވެރިން ބުނީ އެމެރިކާ އިން ކުރަން ފެށި މަސައްކަތާ ގުޅިގެން ހޫތީ ހަނގުރާމަ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާތައް ދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް ހޫތީ ހަނގުރާމަވެރިން ބުނެފައިވެއެވެ.

"އެމެރިކާ އިން މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކެއް އެއްކޮށްގެން މަސައްކަތް ކުރި ނަމަވެސް އަހަރުމެންގެ އަސްކަރީ އޮޕަރޭޝަނެއް ނުހުއްޓޭނެ. އަހަރުމެންނަށް ވަރިހަމަ އެކަމާ ގުޅިގެން ކޮންމެ އަގެއް އަދާ ކުރަން ޖެހުނު ކަމުގައި ވިޔަސް،" ހޫތީގެ އޮފިޝަލެއް ކަމަށްވާ އަލް-ބުހައިތީ އެކްސްގައި ބުނެފައިވެއެވެ.

ހޫތީންނާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމި ކަން އިއުލާން ކުރެއްވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންއެވެ. އޭނާ އިއުލާން ކުރެއްވި ގޮތުގައި މި ގްރޫޕަށް ކިއުމަށް ހަމަޖެހިފައިވާ ނަމަކީ "އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަން" އެވެ. މި ގްރޫޕްގެ މައިގަނޑު ބޭނުމަކީ ހޫތީންގެ ހަމަލާތައް ހުއްޓުވައި ރަތް ކަނޑުގައި ދަތުރު ކުރަމުން އަންނަ ބޯޓު ފަހަރަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހޫތީން ރަތް ކަނޑުގެ "ވެރިކަން" ކުރަން ފެށުމުން އެމެރިކާ އަށް ކެތެއް ނުވި!

މި ޓާސްކް ފޯސް ގްރޫޕްގައި ހިމެނެނީ އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތާއި ބަހްރެއިނާއި ކެނެޑާ އާއި ފްރާންސާއި އިޓަލީ އާއި ނެދަލެންޑްސް އާއި ނޯވޭ އާއި ސީޝެލްސްއާ ސްޕެއިންއެވެ.

ހޫތީން އިއްޔެ ބުނީ އިސްރާއީލާ ގުޅުން ހުރި ކަނޑުގެ ދެ އުޅަނދަކަށް ވެސް ހަމަލާ ދީފައިވާނެ ކަމަށެވެ. އަދި އިސްރާއީލްގެ ބަނދަރަށް ދަތުރު ކުރަން މަސައްކަތް ކުރާ ކޮންމެ ކަނޑުގެ އުޅަނދަކަށް ހަމަލާދީ، އެ އުޅަނދުތައް ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. ހޫތީ ހަނގުރާމަވެރިން ވަނީ ރަތް ކަނޑުގެ ސަރަހައްދުން ދަތުރު ކުރި ބައެއް އުޅަނދުތައް މީހުންނާ އެކީގައި ހައިޖެކްކޮށްފައެވެ. އޭގެ ތެރޭގައި ބޮޑު އާގުބޯޓެއް ވެސް ހިމެނެއެވެ.