ސްރީލަންކާގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަނެއްގައި މިހާތަނަށް 4000 މީހަކު ހައްޔަރުކޮށް، އެތަކެއް ވެހިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއީ އެގައުމުގެ އެސެޓްސް އިންވެސްޓިގޭޝަން ޑިވިޟަނުން 24 ގަޑިއިރަށް ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 68 މިލިއަން ރުޕީސް (3 މިލިއަން ރުފިޔާ)ގެ އަގުހުރި 9 ކާރެއް ފުލުހުން ވަނީ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 2 ވޭނު، ތިން ކާރު، އެއް ޖީޕް، އެއް ސައިކަލް ހިމެނެއެވެ.

އެގައުމުގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އެކްޓިން އިންސްޕެކްޓާ ޖެނެރަލް (އައިޖީޕީ) ދޭޝަބަންޑޫ ޓެންނަކޫން ބުނީ، ކުށްވެރިންގެ ހުރިހާ މުދަލެއް ހިފަހައްޓާނެ ކަމަށެވެ. އަދި އެފަދަ މުދާތަކަކީ އެއީ ނުހައްގުން ހޯދާފައިވާ ފައިސާ ބޭނުން ކޮށްގެން ގަނެފައިވާ މުދާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހިފަހައްޓާފައިވާ ވެހިކަލްތަކާއި ގުޅިގެން ޙާއްސަ ތަހުގީގެއް ހިންގަމުން އަންނަކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެގައުމު ދޫކޮށް ފިލައިގެން ގޮސްފައިވާ ކުށްވެރިން ވެސް ހައްޔަރު ކުރާނެ ކަމަށެވެ. އަދި އެގޮތަށް ފިލައިގެންދާން އުޅޭ މީހުން ހައްޔަރު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ވެހިކަލް އަތުލައިގެންފައިވަނީ އިއްޔެ ކަމަށްވާއިރު، މިމަހުގެ 17 ވަނަ ދުވަހު އެގައުމުގެ ފުލުހުން ހިންގި މަސްތުވާތަކެތީ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން 4،000 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެގައުމުގެ ފުލުހުންނާއި ހަވާލާދީ، މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މި މީހުން ހައްޔަރު ކޮށްފައިވާއިރު، ގިނަ އަދަދަކަށް ކެނެބިސް، ހެރޮއިން ފަދަ މަސްތުވާތެކެތި ވެސް ފެނިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަތްނެތްކުއްޖާ

    އަނެއްކާ ރާއްޖޭގެ މީހެއް ނުވޭބާ!