ފަލަސްތީނުގެ އުތުރުގައި އޮންނަ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި އިތުރު 40 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ އުތުރުގައި ހެނދުނުން ފެށިގެން ޝަހީދުވެފައިވާ 46 މީހެއްގެ ހަށިގަނޑާއި ޒަހަމްވި 110 މީހުން ޖަބާލިއާ މެޑިކަލް ސެންޓަރަށް ގެނެސްފައިވާ ކަމަށެވެ.

މުނީރު އަލް ބުރްޝް ވިދާޅުވީ އިސްރާއީލު ސިފައިން ބޮން އެޅި އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ބަޔަކު ތާށިވެފައި އެބަތިބި ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން އެންމެ ވަރުގަދަ ހަމަލާތައް ދިން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިއްޔެ ދިން ހަމަލާއެއްގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީ، ޣައްޒާ ސަރުކާރުގެ މީޑިއާ އަދި ފަލަސްތީން ރެޑް ކްރެސެންޓުން ހޯދި މައުލޫމާތުތަކަށް ބިނާކޮށް އަލްޖަޒީރާ ނޫހުން ބުނީ، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 19،667 މީހަކު ޝަހީދު ކޮށްލާފައިވާ ކަަމަށެވެ. އޭގެ ތެރޭގައި 7،729 ކުޑަކުދިން ވެސް ހިމެނެއެވެ.