23:32

އިސްރާއީލުން މިހާރު ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ހިދުމަތްތަކަށް ބުރޫ އަރާފައި ވަނިކޮށް، ޣައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް މުވާސަލާތީ ހިދުމަތްތައް މަޑުމަޑުން އަލުން އެނބުރި ލިބެން ފަށައިފި.

23:05

"ހަމާސް ނައްތާލައިގެން ނޫނީ" ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ނުހުއްޓޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބުނެފި.

"ހަމާސް އަށް އަޅުގަނޑު ހުށަހަޅާ ޗޮއިސް އަކީ ވަރަށް އާދައިގެ ޗޮއިސްއެއް: އަމިއްލައަށް އިސްތިއުފާ ދިނުން ނުވަތަ ޝަހީދުވުން،" ވީޑިއޯ މެސެޖެއްގައި އޭނާ ބުނީ

"އެމީހުންނަށް އެނޫން ގޮތެއް ނޯންނާނެ، އަދި ނުހުންނާނެ."

ނަތަންޔާހޫ ބުނީ ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސްގެ ޕާޓީ ކަމަށްވާ ފަތަހަ ޖަމާއަތާއި ހަމާސްއިންވެސް ޣައްޒާގައި ވެރިކަން ނުކުރާނެ ކަމަށް.

22:48

އިސްރާއީލުގެ މެޓޫލާ އާއި ރާމޯޓް ނަފްތާލީގެ އަވަށްތަކުގައި މީހުން ދިރިއުޅޭ ގިނަ އިމާރާތްތަކަކަށް ރޮކެޓް ހަމަލާތައް ދީފައިވާ ކަމަށް ލުބުނާނުގެ ހިޒްބުﷲ ނެރުނު ބަޔާނެއްގައި ބުނެފި.

22:47

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންޑަސްޓްރިއަލް ޒޯން ހަލާކުވެފައިވާ ކަމަށް އިންވެސްޓްމަންޓް ޕްރޮމޯޝަން އެންޑް އިންޑަސްޓްރިއަލް އެސްޓޭޓް އެޖެންސީ (އައިޕީއައިއީއޭ) އިން ބުނެފި.

22:45

ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި އިސްރާއީލު ސިފައިންގެ 11 މީހަކު މަރާލާފައިވާ ކަމަށް ހަމާސްގެ އަސްކަރީ ގޮފި، ކަސާމް ބްރިގޭޑުން ބުނެފި

21:35

ފަލަސްތީނުގެ ޣައްޒާގެ އުތުރު ހުރިހާ ހޮސްޕިޓަލެއް ހުށްޓުމަކަށް އައިސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި

21:13

ޣައްޒާގެ ހުޅަނގުގެ ޝެއިޚް ރަދުވާން އަވަށުގައި ހުންނަ ދަހްޔާން ސްކޫލަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެ، މީހުން ހިފަހައްޓައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓާއިބް ބުނެފި.

20:54

ނިރުބަވެރި ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ހަމަލާތަށް ހުއްޓާ ނުލަނީސް އެއްވެސް މަޝްވަރާއެއް ނުކުރުމަށް ހަމާސްއިން ނިންމައިފި.

20:10

ނިރުބަވެރި އިސްރާއީލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ޣައްޒާއިން އެ ގައުމުގެ ވެރިރަށް ތެލް އަވީވްއަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފޮނުވައިފި

19:44

އިސްރާއީލުގެ 99 ވަނަ ޑިވިޝަނުން ޣައްޒާ ސިޓީގެ ދެކުނު ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއް "ނިމިފައިވާ" ކަމަށާއި މިހާރު ޣައްޒާގެ މެދުތެރޭގައި އިސްރާއީލުގެ ހަރަކާތްތައް ފުޅާކުރާނެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި.

 

19:43

ފަލަސްތީނުގެ ގައިދީއަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ޖަލުގެ 19 ގާޑުންނާ ސުވާލުކޮށްފައިވާ ކަމަށް އިސްރާއީލު ފުލުހުން ބުނެފި.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ކަލްކިލްޔާއަށް ނިސްބަތްވާ ތޭރް އަބޫ އައްސަބު، 38، ޝަހީދުވި މިދިޔަ މަހު އިޒްރޭލުގެ ދެކުނުގައި ޖަލުގެ ގާޑުން ދިން އަނިޔާތަކުގެ ސަބަބުން.

 

 

19:41

ހިޒްބުﷲގެ މުދާ ހުރި ސަރަހައްދުތަކަށް ހަމަލާދިނުމަށް ލުބްނާނުގެ އަޑިއަށް އިސްރާއީލުން ހަމަލާތައް ދެމުން އަންނައިރު، ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް އިސްރާއީލުން ވަނީ އިތުރުކޮށްފައި.

19:40

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ގަބުރުސްތާނެއް ފުނޑުފުނޑުކޮށްލައިފި.

19:16

ފަލަސްތީނުގެ ޣައްޒާގެ ދަތިކަން ހައްލުކުރުމަށް އިރާގު ސަރުކާރުން މިސްރަށް ތެޔޮ ޓޭންކަރެއް ފޮނުވައިފި

18:28

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގެ ޝިޕިންއަށް ދޭ ހަމަލާތައް އިތުރުކުރުމާ ގުޅިގެން އިސްރާއީލުގެ އެއިލާޓް ބަނދަރުގެ ހަރަކާތްތައް 85 ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ބަނދަރުގެ ޗީފް އެގްޒެކެޓިވް ބުނެފި.

18:22

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ 25 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފި.

މޮނިޓަރިން ގުރޫޕުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހެބްރޮން، ރަމަﷲ، ތުލްކަރީމް، ނަބްލުސް އަދި ތުބާސްގެ އިތުރުން ގުދުސްގައި ކަމަށް.

 

18:21

ޣައްޒާއިން މީގެ ކުރިން ދިން ރޮކެޓް ހަމަލާތަކުގެ ތެރެއިން އެއްވެސް އެއްޗެއް ފެނޭތޯ ތެލްއަވީވް އާއި އަވަށްޓެރި ޑިސްޓްރިކްޓްތަކުގައި ފުޅާ ދާއިރާއެއްގައި ސްކޭންތައް ހަދަމުންދާ ކަމަށް އިސްރާއީލުގެ ފުލުހުން ބުނެފި.

ތެލްއަވީވް އާއި އެތަނުގެ ފުޅާ ސަރަހައްދުގެ މަތިން އުޑުމަތީން ދަތުރު ކުރަމުންދިޔަ ރޮކެޓްތައް ޑޯމް ސިސްޓަމުން ހުއްޓުވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސް މީޑިއާގެ ބައެއް އެކައުންޓްތަކުން ވަނީ އާންމުކޮށްފައި.

18:18

ތެލްއަވީވްގައި ސައިރަންގެ އަޑު ގަދަވެއްޖެ.

މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އަދި ގެއްލުމެއް ލިބުނު ކަމެއް އަދި ހާމަކޮށްފައެއް ނުވޭ.

17:45

ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު ހަނގުރާމަ މެދުކަނޑާލުމަށާއި އިސްރާއީލުގެ ބާކީ އަސީރުންތައް ދޫކޮށްލުމަށް އެމެރިކާ އިސްނަގައިގެން ސުލްހައިގެ އައު މަޝްވަރާ ތަކެއް މިސްރުގައި ކުރިއަށްދާ ކަމަށް އެމެރިކާ އިން ބުނެފި

16:23

ޣައްޒާގެ ޖަބަލިއާގައި ހުންނަ ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ޖަމިއްޔާގެ އެމްބިއުލާންސް ސެންޓަރު ވަށާލާފައިވާތާ ދެ ދުވަސް ވެފައިވާ ކަމަށް މީޑިއާ ކޮމިއުނިކޭޝަން އޮފިސަރެއް ކަމަށްވާ ނެބާލް ފަރުސަޚް އަލްޖަޒީރާއަށް ވިދާޅުވެއްޖެ.

16:21

އިސްރާއީލުން މީހުން ހުސްކުރުމުގެ އަމުރުތައް ޔޫއެންއާރުޑަބްލިއުއޭއަށް ފޮނުވާފައިވާއިރު، ވަކިން ހާއްސަކޮށް، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންގެ ހިޔާގެ ގޮތުގައި ކަނޑައަޅާފައިވާ ޔޫއެންއާރުޑަބްލިއުއޭ އިވެކުއޭޝަން ސައިޓްތަކުގެ ތެރޭގައި ތިބި ގިނަ މީހުންނަށް ވަނީ އެތަން ހުސްކުރުމުގެ އަމުރު ފޮނުވާފައި.

16:20

"ހަމާސް ބަލިކޮށް، ރަހީނުކުރި އެންމެން އެނބުރި އައުމުގެ ކުރިން" އިސްރާއީލުގެ އަސްކަރިއްޔާ ހުއްޓުވާ ކޮންމެ މީހަކާ ދެކޮޅަށް އިސްރާއީލުގެ ހަރުކަށި ފިކުރުގެ އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިންޒާރު ދީފި.

16:02

ފަލަސްތީނުގެ ރެޑްކްރެސެންޓުގެ އެމްބިއުލާންސް ސެންޓަރު، ނިރުބަވެރި އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

15:58

އިސްރާއީލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ފަލަސްތީނަށް ތާއީދުކޮށް ދައްކާ ވާހަތައް މީސްމީޑިއާ ކުންފުނި ‘މެޓާ’ އިން ސެންސަރު ކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފި.

15:45

ޣައްޒާގެ ދެކުނުގައި ހިިންގަމުން އަންނަ ސިއްހީ ފަރުވާ ދޭ 36 ތަންތަނުގެ ތެރެއިން މިވަގުތު ކިރިޔާ ވެސް ހިދުމަތެއް ދެވެމުން އަންނަނީ 9 ތަނެއްގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި.

އިތުރު މައުލޫމާތު:

  • ޣައްޒާގެ އުތުރުގައި ހޮސްޕިޓަލްތަކުގެ ތެރެއިން އަލް-އަޙްލީ ހޮސްޕިޓަލަކީ މިހާރު ހަމައެކަނި ބަލި މީހުންނަށް ފަރުވާ ދެވޭނެ ގާބިލުކަން ހުރި ހޮސްޕިޓަލް، އެ ހޮސްޕިޓަލުން ވެސް މިހާރު ބަލި މީހުން އެނދުމަތި ކުރުން ހުއްޓާލައިފި.
  • އަލް-އަޙްލީ ހޮސްޕިޓަލުގައި މިވަގުތު ތިބީ 10 ޖޫނިއަރ ޑޮކްޓަރުންނާއި ނަރުހުން
  • ނިރުބަވެރި އިސްރާއީލުން ވަނީ އެ ހޮސްޕިޓަލުގެ 20 މަސައްކަތްތެރިން ހައްޔަރު ކޮށްފަ. އޭގެ ތެރެއިން 6 މީހަކު ދޫކޮށްލާފައިވަނީ އެތަން ދޫކޮށް ދެކުނަށް ދިއުމަށް އަމުރުކޮށް. ބާކީ ތިބި 14 މީހުންގެ ހާލަތު އަދި އެނގިފައެއް ނުވޭ.

15:00

ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ކަމަށް ބެލެވޭ 230 ވަރަކަށް ތަނަކަށް ހަމަލާތަކެއް ދީފައިވާ ކަމަށާއި ޣައްޒާގެ ޖަބަލިޔާގެ ސްކޫލެއްގެ ތެރެއިން ހަމާސްގެ ހަނގުރާމަވެރިންގެ ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ވެސް ފެނިފައިވާ ކަމަށް ނިރުބަވެރިން ބުނެފި.

14:56

ފަރުވާ ނުލިބުމުގެ ސަބަބުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގައި ތިބި ބަލި ތިން މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ބުނެފި.

14:46

މިއަދު ހެނދުނު ޣައްޒާއިން ނަގާފައިވާ ފޮޓޯތަކެއް-- ފޮޓޯ: އޭއެފްޕީ

14:39

ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް އިސްރާއީލުގައި މަސައްކަތް ކުރުމަށް ސްރީލަންކާގެ 10،000 ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ދީފި.

14:31

ރަފާހްގައި ޝަހީދުކޮށްލި މީހުންގެ ހަށިތައް ކައިރީ އާއިލީ މީހުން-- ފޮޓޯ: އޭއެފްޕީ

14:21

ޣައްޒާގެ އުތުރުގައި ހިދުމަތް ދެވޭނެ އެއްވެސް ހޮސްޕިޓަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި.

"އަލް އަހްލީ ހޮސްޕިޓަލަކީ އެންމެ ފަހުން ހިދުމަތް ދެމުން އައި ހޮސްޕިޓަލް، އެތަނުގެ ހިދުމަތްތައް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ"

13:57

ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕް ކައިރީގައި ހުންނަ ފަލަސްތީން ރެޑް ކްރެސެންޓުގެ އެމްބިއުލާންސް ސެންޓަރު ވަށާލައި، ހިދުމަތްތައް ހުއްޓުވާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

13:51

ހަނގުރާމައަށް 76 ދުވަސް، އެނގެން ޖެހޭ މުހިންމު މައުލޫމާތު:

  • ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސްގެ 20 އިންސައްތަ ސަރަހައްދެއް ހުސްކުރަން އަމުރު ކޮށްފައިވާކަން އދ. އިން އިއުލާނު ކުރި
  • އދ.ގެ ސަލާމަތީ މަޖިލީހުގައި އިސްރާއީލާއި ޣައްޒާއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ގަރާރަށް ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓް ކުރި
  • ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ 14 ސަރަހައްދެއްގައި ނިރުބަވެރި އިސްރާއީލުން ރޭ ރެއިޑްތަކެއް ކުރިއަށް ގެންދިޔަ
  • ނިރުބަވެރި ސިފައިން ޣައްޒާގެ 11 ފިރިހެނަކު އެމީހުންގެ އާއިލާ ކުރިމަތީ މަރާލި

 

13:34

ފަހުގެ ތަފާސްހިސާބުތައް:

ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު: 20،000 އަށްވުރެ މައްޗަށް، މީގެ ތެރޭގައި 8000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ

ހުޅަނގު އައްސޭރީން ޝަހީދުކޮށްލި މީހުންގެ އަދަދު: 301، މީގެ ތެރޭގައި 72 ކުދަކުދިން ހިމެނޭ

ޣައްޒާއިން ޒަހަމްވި މީހުންގެ އަދަދު: 52،586 އަށްވުރެ މައްޗަށް، މީގެ ތެރޭގައި 8،663 ކުޑަކުދިން ހިމެނޭ.

ހުޅަނގު އައްސޭރީން ޒަހަމްވި މީހުންގެ އަދަދު: 3،365

އިސްރާއީލުން މަރާލި މީހުންގެ އަދަދު: 1،139 އަށްވުރެ މައްޗަށް

އިސްރާއީލުން އަނިޔާވި މީހުންގެ އަދަދު: 8،730

13:30

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސް ހުސްކުރަން އަންގައި، އެސަރަހައްދުގައި ކުރިއަށް ގެންދާ އޮޕަރޭޝަން އިތުރަށް ފުޅާ ކުރުމާއި އެކީ ރައްޔިތުންގެ ހިތުގައި މާޔޫސްކަމާއި ބިރުވެރިކަން އިތުރުވެފައިވާ ކަމަށް އަލްޖަޒީރާ ނޫހުގެ ނޫސްވެރިން ބުނެފި.

12:26

ޣައްޒާގެ ކުޑަ ކުއްޖަކު ބޯނެ ފެންފޮދެއް ހޯދުމުގެ މަސައްކަތް ކުރަނީ

 

12:25

އިއްޔެ ނިރުބަވެރިން ޣައްޒާގެ ރަފާހްއަށް ދިން ހަމަލާތަކުގެ ސަބަބުން ކުވެއިތުން ގާއިމު ކުރި ހޮސްޕިޓަލް ފުރިއްޖެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާގެ ސަބަބުން 25 އަށްވުރެ ގިނަ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ. އަދި އެފަރާތްތަކާއި އެކީ އެމީހުންގެ އާއިލީ މީހުންނާއި އެހީތެރިން ދިއުމުގެ ސަބަބުން ހޮސްޕިޓަލް ތޮއްޖެހި، ފަރުވަ ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

12:18

ޣައްޒާ ކުޑަކުއްޖެއްގެ ދުލުން: މީގެ ކުރިން އަހަރުމެން ކަމުން ފުށް ހުރި ނަމަވެސް މިހާރު އަޅުގަނޑުމެން ކަމުން މި އަންނަނީ ޖަނަވާރުން ކަމުން ހަނޑޫ

11:40

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ހުސްކުރުމަށް ނިރުބަވެރި އިސްރާއީލުން އަނެއްކާ ވެސް އަމުރު ކޮށްފައިވާ ކަމަށް އދ. އިން ބުނެފި.

ޚާން ޔޫނިސްއަކީ ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އެންމެ ގިނަ ހަމަލާތަކެއްދީފައިވާ އެއް ސަރަހައްދު.

10:56

ޔަމަން ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިން ފަލަސްތީނާއި ޔަމަންގެ ދިދަ ހިފައިގެން މަގުތަކަށް ނުކުމެ ހިނގާލުމެއް ބާއްވައިފި.

10:39

އިސްރާއީލްގެ އަސްކަރިއްޔާ އާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އިއްޔެ މިސްރަށް ވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

 

09:35

ނިރުބަވެރި އިސްރާއީލުން ރެއިޑް ކުރިއަށް ގެންގޮސްފައިވާ ސަރަހައްދުތައް:

  • ޖެނިންގެ ޔާބަބް އަވަށް
  • ޣައްޒާގެ އިރުމަތީގައި އޮންނަ އަޒުން އަވަށާއި އާއި ޤަލްޤިލްޔާ ސިޓީ
  • ޖެރިކޯ އާއި އަލް ބިރޭ ސިޓީ، ޖެރިކޯގައި ހުންނަ އައިން ސުލްތާސް ރެފިއުޖީ ކޭމްޕް
  • ހިބްރޫންގެ ހުޅަނގު އުތުރުގެ އަވަށެއް ކަމަށްވާ ބެއިތް އުއްމާރު، އިރުމަތީގައި އޮންނަ ބަނީ ނައިމް، ދެކުނުގައި އޮންނަ އަލް-ދަހިރިޔާ
  • ރަމައްﷲ ސިޓީގެ ބެއިތް ލިޤްޔާ
  • ބެތްލެހެމްގެ ހުޅަނގުދެކުނުން އޮންނަ ނަހަލިން އަވަށް، އިރުދެކުނުން އޮންނަ ތުގޫ
  • ނަބްލުސްގެ ދެކުނުން އޮންނަ އަލް ސަވިޔާ އަވަށާއި ބެއިތް ވަޒަންގެ އިތުރުން އިރާޤް ބުރިން އަވަށް

 

 

09:18

އެމެރިކާގެ މިލިޓަރީ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އިރާގުގައި ހުންނަ އަލް-އައްސަދު އެއާ ބޭސް އަށް އަމާޒުކޮށް އިރާގުގެ ސަރަހައްދަކުން ވަނީ ރޮކެޓް ހަމަލާއެއް ދީފައި. މި ރޮކެޓް ހަމަލާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ނުވާ ކަމަށް އެމެރިކާ އިން ބުނޭ.

09:16

އިސްރާއީލްގެ ޖަލެއްގައި ހުރި ފަލަސްތީނުގެ ރައްޔިތަކު މިނިވަންކޮށްފި. އިސްރާއީލުން މިނިވަންކޮށްފައި ވަނީ ހިތުގެ މައްސަލައެއް ދިމާވެފައިވާ އުމުރުން 30 އަހަރުގެ އަލް-ހަތީބު ނަމަކަށް ކިޔާ މީހެއް. ނަފްހާ ޖަލުގައި ހުރި އެ މީހާގެ ސިއްހީ މައްސަލަތައް ދިމާވެ، ބަރުދަން 27 ކިލޯއަށް ވެއްޓުނު ކަމަށްވޭ.

09:14

ފަލަސްތީނުގެ ދިދައާއި، ބަރު ހަތިޔާރު ހިފައިގެން ހޫތީން ބޭއްވި ހިނގާލުމުގެ ތެރެއިން. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހިނގާލުމުގައި ހޫތީންގެ 20،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ. މި ހިނގާލ،ުން ބާއްވާފައިވަނީ ޔަމަނުގެ އަމްރާން ޕްރޮވިންސްގައި- ފޮޓޯ:ގެޓީ

09:13

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓުރޭސް ވިދާޅުވީ ކަރަންޓު ނެތުމާއި ތެޔޮ ލިބުން މަދުވުމާއި މުއާސަލާތީ ހިދުމަތްތައް މެދުކަނޑާލާތީ ފަލަސްތީނުގެ ޣައްޒާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށް.

އިންސާނީ އެހީ ވަގުތުން ވަގުތަށް ވަރަށް ފުޅާ ދާއިރާއެއްގައި ޣައްޒާ އަށް ފޯރުކޮށްދޭން ޖެހޭ ކަމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި.

 

09:09

އިސްރާއީލުން ރޭގައި ވެސް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަނީ ރެއިޑްތަކެއް ހިންގާފައި.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ އަށް 76 ދުވަސްވެފައިވާ އިރު، އިސްރާއީލުން ވައިގެ ހަމަލާތައް މިހާރު އެންމެ ވަރުގަދަ އަށް ދޭ އެއް ދިމާލަކީ ޣައްޒާގެ ރަފަހްއެވެ.

އިސްރާއީލުން އެންމެ ފަހުން އިންޒާރު ދީފައިވާ ގޮތުގައި ރަފަހްގައި ތިބި ހަމާސްގެ ލީޑަރުންނަށް ވައިގެ ހަމަލާތައް ދިނުމުގައި އިސްރާއީލްގެ އަސްކަރިއްޔާ ދެމި އޮންނާނެއެވެ. އެކަމަކު، އިސްރާއީލްގެ ވާހަކަ ދިމައެއް ނުވެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައި ވަނީ ކުށެއް ނެތް އާންމުންނެވެ.

އަނެއްކޮޅުން ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ އިސްމާއިލް ހަނިއްޔާ މަޝްވަރާ އަށް މިސްރަށް ވަނީ ވަޑައިގެންފައެވެ. އޭނާ މިސްރަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ބަދަލު ކުރުމާ ގުޅޭ މަޝްވަރާތައް ކުރުމަށެވެ.

އިސްރާއީލް އާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ރޭގައި ވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅައިފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ނިރުބަވެރިން ގެންދަނީ ޣައްޒާގެ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. މިހާރު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 20،000 އަށް ވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި އަންހެނުން ގިނައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.