ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަމުން ދަނިކޮށް އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ އިތުރު ތިން މީހަކު މަރާލައިފިއެވެ.

ޔަހޫދީ އަސްކަރިއްޔާ އިން މިއަދު ބުނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަރާލި ޖުމްލަ ސިފައިންގެ މީހުންގެ އަދަދު 137 އަށް އަރާފައިވާ ކަމަށެވެ. އެންމެ ފަހުން މަރާލި ތިން ސިފައިންނަކީ ޣައްޒާގެ އުތުރުގައި ހަނގުރާމަ ކުރަމުން ދަނިކޮށް މަރާލި ތިން ސިފައިން ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ މި ތިން މީހުންގެ ނަމާއި އެމީހުންގެ ރޭންކާއި ފޮޓޯ ވެސް އާންމުކޮށްފައެވެ. އެމީހުންނަކީ ނަހަލް ބްރިގޭޑްސްގެ ސިފައިންގެ މީހެއް ކަމަށްވާ ސާޖަންޓް ލަވީ ގާސީ 19، އާއި ލެފްޓިނެންޓް ޔާކޯވް އެލިއަން 20، އާއި ޕެރަޓްރޫޕާސް ބްރިގޭޑްސްގެ ލެފްޓިނެންޓް އޮމްރީ ޝްވާޓްޒް 21، އެވެ.

ހަމާސް އާއި އިސްރާއީލްއާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލް ސިފައިންގެ އޮފިސަރަކާއި ދެ ގެފެން ކެޑޭޓުންނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

މީގެއިތުރުން ހަމާސް އާއި އިސްރާއީލްއާ ދެމެދު ހިނގި އެހެން ކުރިމަތިލުންތަކެއްގައި ފަސް ސިފައިންގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނަހަލް ބްރިގޭޑްސްގެ ސިފައިންގެ މީހަކާއި އާމޯޑް ބްރިގޭޑްސްގެ އޮފިސަރަކާއި ކިރްޔަތީ ބްރިގޭޑްސްގެ ރިޒާވް ސިފައިންގެ މީހެކެވެ.

ނިރުބަވެރިންނާއި ހަމާސް ޖަމާއަތާއި ހަނގުރާމަ ކުރަމުން އަންނަތާ މިއަދަށް 76 ދުވަސް ވެފައިވާއިރު، މި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ޖުމްލަ 1،400 އަށްވުރެ ގިނަ މީހަކު ވަނީ މަރާލާފައެވެ.