އިސްރާއީލްގެ އަސްކަރިއްޔާ އާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އިއްޔެ މިސްރަށް ވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިސްރުގެ ވެރިރަށް ކައިރޯގައި ކުރިއަށްދާ މަޝްވަރާތަކުގައި ހަނގުރާމަ މެދުކަނޑާލުމާ މެދުގައި އެއްބަސްވުން ގާތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ހަނިއްޔާ މިސްރަށް ވަޑައިގެން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ މިސްރުގެ އިންޓަލިޖެންސް ޗީފް އައްބާސް ކަމެލް އާއި މިސްރުގެ ސަރުކާރުގެ އޮފިޝަލުންނާއެވެ. އަނެއްކޮޅުން އިސްރާއީލްގެ އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި އެމެރިކާ އާއި ގަތަރުގެ އޮފިޝަލުންނާ އެކުގައި ކުރާ މަޝްވަރާތަކުން ހަނގުރާމަ މެދުކަނޑާލުން ގާތެވެ.

މިދިޔަ މަހު ގަތަރާއި މިސްރު އިސްވެ އޮވެ، އެމެރިކާއާ މަޝްވަރާކޮށްގެން އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލައި އަސީރުން ބަދަލުކޮށްފައިވެއެވެ. އެގޮތުން ފަލަސްތީނުގެ 240 އަސީރުން އަދި އިސްރާއީލްގެ 80 އަސީރުން ވަނީ މިނިވަންކޮށްފައެވެ.

މި މަޝްވަރާތައް ބިނާވެފައި ވަނީ ހަމައެކަނި ހަނގުރާމަ މެދުކަނޑާލުމާއި އަސީރުން މިނިވަން ކުރުން އެކަންޏެއް ނޫނެވެ. ފަލަސްތީނުގެ ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފޭބުމަށް ޑިމާންޑް ކުރުމަކީ ވެސް މަޝްވަރާތަކުގެ ތެރޭގައި ހިނގާ ކަންކަމެވެ.

މިއީ އިސްރާއީލް އާއި ހަމާސްއާ ދެމެދުގައި މިދިޔަ އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން ހަނިއްޔާ މިސްރަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. ހަމާސް އިން އެ ދުވަހު ދިން ކުއްލި ހަމަލާތަކުގައި 1،200 އަށް ވުރެ ގިނަ މީހުން މަރާލާފައިވެއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނޭ އިރު، ހަމާސް އިން ވަނީ ގާތްގަނޑަކަށް 250 މީހުން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައެވެ.

އިސްރާއީލުން ޣައްޒާ އަށް ބޮން އެޅުމުގެ ސަބަބުން މިހާތަނަށް އައިއިރު، 20،000 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.