ޔަމަން ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިން ފަލަސްތީނާއި ޔަމަންގެ ދިދަ ހިފައިގެން މަގުތަކަށް ނުކުމެ ހިނގާލުމެއް ބާއްވައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޔަމަންގެ އަމްރަން ޕްރޮވިންސްގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ހިނގާލުމުގައި ފަލަސްތީނާއި ޔަމަންގެ ދިދަ އާއި ހަތިޔާރުތައް ވެސް ދައްކާލާފައިވެއެވެ. މި ހިނގާލުމުގައި ގާތްގަނޑަކަށް 20،000 ހޫތީ ހަނގުރާމަވެރިން ބައިވެރިވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހޫތީ ހަނގުރާމަވެރިން ބޭއްވި ހިނގާލުން.

ޔަމަންގައި ހަރަކާތްތެރިވަމުން އަންނަ ހޫތީ ހަނގުރާމަވެރިން މިފަދަ އެއްވުމެއް ބާއްވާފައި ވަނީ އެމެރިކާ އިސްވެ އޮވެ އެ ހަނގުރާމަވެރިންނާ ދެކޮޅަށް މަސައްކަތް ކުރަން ފަށާފައިވަނިކޮށެވެ. ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި އެމީހުންގެ ހަރަކާތްތައް އިތުރުކޮށް އިސްރާއީލަށް ވާގިވެރިވާ ކަނޑުގެ އުޅަނދުތަކަށް ހަމަލާދެމުން އަންނާތީ އެމެރިކާ އިން ވަނީ ނުވަ ގައުމަކާ ގުޅިގެން "އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަން" ނަމުގައި އޮޕަރޭޝަނެއް ފަށައިފައެވެ.

ހޫތީ ހަނގުރާމަވެރިން ބޭއްވި ހިނގާލުން.

މި ގްރޫޕްގެ މައިގަނޑު ބޭނުމަކީ ހޫތީންގެ ހަމަލާތައް ހުއްޓުވައި ރަތް ކަނޑުގައި ދަތުރު ކުރަމުން އަންނަ ބޯޓު ފަހަރަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް އެމެރިކާ އިން ބުނެފައިވެއެވެ. މި ޓާސްކް ފޯސް ގްރޫޕްގައި ހިމެނެނީ އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތާއި ބަހްރެއިނާއި ކެނެޑާ އާއި ފްރާންސާއި އިޓަލީ އާއި ނެދަލެންޑްސް އާއި ނޯވޭ އާއި ސީޝެލްސްއާ ސްޕެއިންއެވެ.

ހޫތީ ހަނގުރާމަވެރިން ބޭއްވި ހިނގާލުން.

ރަތް ކަނޑުގައި ދަތުރު ކުރާ އުޅަނދުތަކަށް ހޫތީ ހަނގުރާމަވެރިން ހަމަލާދޭން ފެށީ އިސްރާއީލުން ފަލަސްތީނަށް މެދުކެނޑުމެއް ނެތި ބޮން އަޅައި އެތައް ބަޔަކު ޝަހީދުކުރަމުން އަންނާތީ އެކަމާ މެދުގައި ހިތްހަމަނުޖެހިގެންނެވެ. އަދި ހޫތީ ހަނގުރާމަވެރިން ތިބީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމުގައި އެ ޖަމާއަތުން އަންނަނީ ބުނަމުންނެވެ. ހޫތީން ބުނަނީ އިސްރާއީލްގެ ހަމަލާތައް ހުއްޓާލަން ދެން އިސްރާއީލަށް ހަމަލާ ދޭނެ ކަމަށެވެ.

އެމެރިކާ އިސްވެ އޮވެ، އުފެއްދި ޓާސްކް ފޯސް ގްރޫޕްގެ މަސައްކަތްތައް ފެށުމާ ގުޅިގެން އެކަމަށް ރައްދު ދީ ހޫތީ ހަނގުރާމަވެރިން ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް މުޅި ދުނިޔެ ނުކުތް ކަމުގައި ވިޔަސް ބިރު ނުގަންނަ ކަމަށެވެ.

ހޫތީން ބުނަނީ ހުރިހާ ގައުމަކުން ދެކޮޅަށް ނުކުތަސް، ބިރު ނުގަންނަ ކަމަށް!

ހޫތީން މީގެ ދުވަސްތަކެއް ކުރިން ވަނީ ރަތް ކަނޑުގައި ދަތުރު ކުރާ ވަރަށް ގިނަ މުދާ އުފުލާ އާގު ބޯޓުތަކާއި ޓޭންކަރުތަކާއި އެހެނިހެން އުޅަނދުތަކަށް ވެސް ހަމަލާދީފައެވެ. ހޫތީން ބުނާ ގޮތުގައި އިސްރާއީލަށް ވާގިވެރިވާ ކޮންމެ ބޯޓަކަށް ހަމަލާ ދިނުމުގައި ހޫތީން ދެމިތިބޭނެއެވެ.

ރަތް ކަނޑު ސަރަހައްދަކީ ކަނޑުގެ އުޅަނދުފަހަރު މުދާ އުފުލުމުގައި ބޭނުން ކުރާ ޓްރާންސިޓް އެއް ރޫޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަޒީރު.

    ސާބަހޭ ހޫސީން. ތިއައޭ މިއަދު އުންމަތުގެ ފަހުރެކީ. ވީ ސެލިއުޓު ޔޫ.

  2. ފަލާޙް

    ފިރިހެންވަންތަކަން ހުރީ ޔަމަނީންގެ ގައިގައެވެ. ހިތްވަރާ ކެރުމަކީ ފަލަސްޠީނާއި ޔަމަނުގެ ލޭގެ އަސާސެވެ. ފިޑިކަމާއި، ނުކުޅެދިގަތުމާއި ނިފާޤުކަމަކީ އެ ޤައުމުގެ އަހުލުން ދަންނަ ލަފްޒުތަކެއް ނޫނެވެ.
    ފިޑިކަމާއި، ނުކުޅެދިގަތުމާއި ނިފާޤުކަމަކީ ސައުދީ އަރަބިއްޔާގެ ނަޖުދީންނާއި، ޔޫއޭއީ އާއި ބަޙްރެއިންގެ މީހުންގެ އަސާސީ ސިފައެވެ.

    10
  3. އިބްރާހިމް

    ފަލަސްތީނުގެ އާއްމުން މެރުން ހުއްޓުވުމަށްވުރެ ރަތްކަނޑުން ދަތުރު ނުކުރެވި މާލީ ކިތަންމެ ބޮޑު ގެއްލުމެއްލިބުންވެސް އެމެރިކާއާއި ޔޫރަޕަށް ރަނގަޅުވަނީއެވެ. މިއީ އިސްލާމުންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއް.