އިސްރާއީލުން މެދުނުކެނޑި ބޮން އަޅަމުންދާ ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލެއްގައި އަންހެނަކު އެއްމާބަނޑު 4 ކުދިން ވިހައިފިއެވެ.
އޮކްޓޯބަރު މަހުގެ މެދެއްހާ ހިސާބުގައި 28 އަހަރުގެ ޒުވާން އިމާން އަލް މަސްރީ ވަނީ އޭނާގެ އަނެއް ތިން ދަރިންނާއެކު، ޣައްޒާގެ އުތުރުގެ ބެއިތް ހަނޫންގައި ހުންނަ އެމީހުންގެ ގެދޮރު ދޫކޮށް ފައިމަގުގައި ދަތުރު ފަށާފައެވެ. ދެކުނުގެ ދީރުލް ބަލާހް އަށް ދިއުމަށް ސަވާރީއެއް ހޯދުމަށް އެމީހުންވަނީ ޖަބާލިއާ ރެފިއުޖީ ކޭމްޕާއި ހަމައަށް ފަސް ކިލޯމީޓަރު ހިނގާފައެވެ.
އޭރު އިމާންގެ ބަނޑަށް ހަ މަހެވެ. އަދި އެއީ ވަރަށް ދިގު ރާސްތާއެއް ކަމަށާއި، އޭގެ ސަބަބުން އޭނާގެ ހާލަތަށްވެސް އަސަރު ކުރި ކަމަށް އިމާން ބުންޏެވެ.
އިމާން ވަނީ މި މަހުގެ 18 ވަނަ ދުވަހު އޮޕަރޭޝަން ކޮށްގެން ދެ އަންހެންކުދިން، ތިއާ އަދި ލީން، އަދި ދެ ފިރިހެން ކުދިން، މުހައްމަދު އަދި ޔާސިރު އުފަން ކޮށްފައެވެ.
ނަމަވެސް އޮޕަރޭޝަނަށް ފަހު މުހައްމަދު ފިޔަވައި އެހެން ކުދިން ގޮވައިގެން އަވަހަށް ހޮސްޕިޓަލު ދޫކޮށް ދިއުމަށް އިމާން ކައިރީ ބުނެވުނެވެ. އެއީ ހަނގުރާމައިގައި ޒަހަމްވަމުންދާ މީހުންނަށް ޖާގަ ހެދުމަށްޓަކައެވެ.
މިހާރު ތިއާ، ލީން، އަދި ޔާސިރު، އަދި އެމީހުންގެ އާއިލާގެ ގާތްގަނޑަކަށް 50 މެމްބަރުންނާއި އެކު އެމީހުން ދިރިއުޅެމުންދަނީ ދީރުލް ބަލާހް ގައި ހިޔާވެއްސަކަށް ބަދަލު ކޮށްފައިވާ ކްލާސްރޫމެއްގެ ތެރޭގައެވެ.
ނުސެއިރަތް ރެފިއުޖީ ކޭމްޕުގައި ހުންނަ ހޮސްޕިޓަލެއްގައި އޮތް މުހައްމަދާއި ބެހޭ ގޮތުން އިމާން ބުނީ މުހައްމަދު ގައިގައި ހުރީ އެންމެ ކިލޯ އެއް ކަމަށާއި، ފަރުވާ އާއި ނުލާއި އެކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
އިމާން ބުނީ ގެދޮރު ދޫކޮށްލާފައި އައި އިރު ގެނައީ ހަމައެކަނި ކުދިންގެ ހޫނު މޫސުމުގެ އަންނައުނު ކަމަށާއި، އޭނާ ހީކުރީ ހަނގުރާމަ ދެމިގެންދާނީ ހަފްތާއެއް ނުވަތަ ދެ ހަފްތާއަށް ކަމަށާއި، އެއަށްފަހު ގެއަށް ދެވޭނެ ކަމަށެވެ.
ނަމަވެސް 11 ހަފްތާއަށް ފަހުގައި ދުވަހަކުވެސް އެނބުރި ގެއަށް ދެވޭނެ ކަމުގެ އުންމީދުވެސް އިމާން އަށް ވަނީ ގެއްލިފައެވެ.
![](https://vaguthu.mv/wp-content/uploads/2023/12/img-0355.png)
2.4 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ޣައްޒާ ވަނީ އުތުރުން ދެކުނަށް އެއްކޮށް ސުންނާފަތިވެފައެވެ. އދ އިން ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ.
އެހެން މަންމައިން ފަދައިން އިމާން ވެސް އުންމީދު ކޮށްގެން ހުރީ އޭނާގެ ކުދިން ވިހެއުމަށްފަހު ފަލަސްތީނުގެ ސަގާފަތާއި އެއްގޮތަށް އެކުދިންގެ ގަޔަށް ފިނިފެންމާފެން އަޅާ، އުފާ ފާޅުކުރުމަށެވެ. ނަމަވެސް އެކުދިން ވިހޭތާ 10 ދުވަސް ވީ އިރުވެސް ސާފު ފެން ހޯދަން ދަތިވުމުގެ ސަބަބުން އަދި އެކުދިން ފެންވެސް ނުވެރުވޭ ކަމަށް އިމާން ވަނީ ބުނެފައެވެ.
ޣައްޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާގައި ޒަރޫރީ ކާބޯތަކެއްޗާއި، ކިރާއި، ބޭހާއި، ނެޕީ ފަދަ ސާފުތާހިރު ކުރަން ބޭނުންވާ ސާމާނު ހޯދުންވެސް ވަނީ ދަތިކަމަކަށް ވެފައެވެ.
އާންމު ގޮތެއްގައި ކޮންމެ ދެ ގަޑިއިރަކުން ކުދިންގެ ނެޕީ ބަދަލު ކުރާ ކަމަށާއި ނަމަވެސް މިހާރުގެ ހާލަތުގެ ދަތިކަމާއި ހުރެ ކުދިންނަށް އާ ނެޕީ އެއް ޖަހަނީ ހެނދުނާއި ހަވީރު ކަމަށް ވެސް އިމާން ވަނީ ބުނެފައެވެ. އާއިލާ އަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދާ ނުދެވޭތީ އިމާންގެ ފިރިމީހާ އައްމާރު އަލް މަސްރީ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.
“އަހަންނަށް ވަނީ ގޮތްހުސްވެފައި.” ނުބައި ވަސް ހަރުލާފައިވާ ކްލާސްރޫމުގައި އޭނާގެ ހަ ދަރިންނާއި އެކު ހުރެ އައްމާރު ބުނެފައެވެ.
އޭނާ ބުނެފައިވަނީ ދަރިންނަށްޓަކައި އޭނާ ވަނީ ކަންބޮޑުވެފައި ކަމަށާއި، އެކުދިން ރައްކާތެރިކުރާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ދުވަހުގެ ގިނަ ވަގުތު އޭނާ ހޭދަ ކުރަނީ ކާއެއްޗެއް ހޯދުމަށްޓަކައި ބޭރުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ﷲ ރައްކާތެރިކޮށްދެއްވާށި!