ރަޝިއާ އާއި ޗައިނާ އިސްވެ އޮވެގެން އުފައްދާފައިވާ ‘ބްރިކްސް’ ގައުމުތަކުގެ ޖަމިއްޔާ އިތުރަށް ފުޅާވެ ވަރުގަދަ ވާން ފަށައިފި ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.

ަބްރިކްސް ގެ ގައުމުތަކުގެ އިގުތސޯދީ އިއްތިހާދު ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ވެސް ވަރުގަދަވެ ހަރުދަނާ ވާނެ ކަމަށް މާލީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ބްރިކްސް ގެ ގައުމުތަކުގެ މި އިއްތިހާދަށް މިފެށޭ 2024 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އިތުރު ގައުމުތަކުން ގުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ވިޔަފާރީގެ އިއްތިހާދަށް ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ އިން ގުޅޭނެއެވެ. ސައުދީ އަރަބިއްޔާ އަކީ ސިޔާސީ ނުފޫޒުގެ ގޮތުންވެސް މެދުއިރުމަތީގެ ބޮޑު ބާރެކެވެ. ވީމާ މިއީ ބްރިކްސް ގެ ގައުމުތަކުގެ ހައިބަތު އިތުރަށް ވަރުގަދަ ކޮށްދީ، މާލީގޮތުން އެ ޖަމާއަތް އިތުރަށް ހަރުދަނާވާނެ ކަމެކެވެ.

ސައުދީގެ އިތުރުން އިގުތިސޯދީ ގޮތުން ކުރި އަރަމުން އަންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް ( އެކުވެރި އަރަބި އިމާރާތް) ވެސް ވަނީ މި އިއްތިހާދާއި ގުޅުމަށް ނިންމާފައެވެ.

މެދުއިރުމަތިން ދެން މި އިއްތިހާދާއި ގުޅުމަށް ނިންމާފައިވަނީ ތެލުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ އިރާނެވެ. އިރާނުން ދަނީ އެމެރިކާ އާއި ހުޅަނގުން އަޅާފައިވަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ހީނަރުވެފައިވާ އިގުތިސޯދު ކޮޅަށް ޖެހުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ގައުމުގެ ތެޔޮ ވިއްކުމުގައި އެމެރިކާ ޑޮލަރު ނޫން ގޮތެއް ފެނޭތޯވެސް އެ ގައުމުން ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ.

ބްރިކްސްގައި ހިމެނޭ ރަޝިއާ، އިންޑިއާ އަދި ޗައިނާ އިން މިހާރު ވަނީ އެމެރިކާ ޑޮލަރަށް ބަރޯސާވުން ދޫކޮށްލާ އެހެން ގައުމުތަކުގެ ފައިސާ އިން ވެސް ތެލުގެ ވިޔަފާރި ކުރަން ފަށާފައެވެ.

އެފްރިކާ ބައްރުގެ އެންމެ އާބަދީ ބޮޑު އެއް ގައުމު އަދި އިގުތިސޯދީ ބޮޑު އެއް ބާރު ކަމަށްވާ މިސްރުން ވެސް ވަނީ ބްރިކްސް އިއްތިހާދުގައި ބައިވެރިވުމަށް ނިންމާފައެވެ. މިސްރަކީ ވެސް އެފްރިކާ އަދި މެދުއިރުމަތީގައި ނުފޫޒު ގަދަ ގައުމެކެވެ.

މީގެ އިތުރުން އެފްރިކާގެ އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް އިގުތިސޯދު ކަމަށްވާ އިތިއޯޕިއާ އިން ވެސް ވަނީ މި އިއްތިހާދާ ގުޅުމަށް ނިންމާފައެވެ.

މި ހުރިހާ ގައުމެއް ބްރިކްސް އާއި ގުޅުމުން އެ އިއްތިހާދުގެ މެމްބަރު ގައުމުތަކުގެ އަދަދު 2 ގުނަ އަށް އިތުރުވެގެން ދާނެއެވެ.

ބްރިކްސް ގެ އިއްތިހާދުގައި މިހާރު ހިމެނެނީ ރަޝިއާ، ޗައިނާ، ބްރެޒިލް، އިންޑިއާ އަދި ދެކުނު އެފްރިކާ އެވެ. މި ގައުމުތަކުން ވަނީ ޖުމްލަ ހަ ގައުމަކަށް ބްރިކްސްގެ މެންބަރުންނަށް ވުމަށް ދައުވަތު ދީފައެވެ.

ދެކުނު އެމެރިކާގެ އާރޖެންޓީނާ ފިޔަވާ ދައުވަތު ލިބުނު ހުރިހާ ގައުމަކުން ވެސް މި ވަނީ އިއްތިހާދާއި ގުޅުމަށް ނިންމާފައެވެ.

އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ނައިޖީރިއާ އިން ވެސް ވަނީ ކުރިއަށް ދެ އަހަރުގެ ތެރޭގައި މި އިއްތިހާދާއި ގުޅޭނެ ކަން އިއުލާން ކޮށްފައެވެ.

ބްރިކްސް އަކީ މާލީ އިއްތިހާދެކެވެ. މި އިއްތިހާދުގެ މަގުސަދަކީ މެމްބަރު ގައުމުތަކުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް، މެމްބަރު ގައުމުތަކަށް ބޭރުގެ އިންވެސްޓްމެންޓްތައް ގެނައުމެވެ. އަދި އިންވެސްޓަރުން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި މެމްބަރު ގައުމުތަކުން ވަނީ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުން ކުރުން މިހާރު ވަރަށް ބޮޑަށް މަދުކޮށް، ބައެއް ކަހަލަ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުން ކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލާފައެވެ. މއީ ޒަމާނުންސުރެ ދުނިޔޭގެ އިގުތިސޯދުގައި އެމެރިކާ އިން ކުރި ރަސްކަން ނިމުމަކަށް އަންނަ ކަމުގެ ކޮޅުމަތި ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަހިބަދޫ މީހާ

    ހަމަ ކުޑަކަކޫ މައްޗަށް ތިރިކޮށް ސައިޒްކުރަންވީ.

    68
  2. ކުޑޭ

    ﷲ އިރާދަކުރެއްވިއްޔާވާނެ

    11
  3. ށުވޭސ

    ވަރަށް ރަގަޅު

  4. ހުސޭނުބޭ

    ތި ބްރިކްސްގައި އިޒްރޭލޭ އެކިޔާ ޓެރަރިސްޓުން ބައިވެރިނުކުރާތި.

    10
  5. އަހައްމަދު

    ހުވާ މިހަބަރު ކިޔާފަ މަ ވީއުފަލެއް ބުނަން ނޭގެ. ދުނިޔޭގަ ހިނގާ ހުރިހާ ފަސާދައެއް އުފައްދާ ގައުމު އެމެރިކާ އަކީ. ރަގަޅަށް ސައިޒު ކޮށްލާތި.

  6. އަލީ

    ބަރާބަރު. ދެން އެވެރިންނަށް ބާރުދެއްކޭނެ މާގިނަ އަހަރެއް ނެތް. ބްރިކްސްއަށް ކާމިޔާބު އެދެން.