އިސްރާއީލްގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޣައްޒާގެ 100 އަށް ވުރެ ގިނަ ކުޅިވަރު ކުޅުންތެރިން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ކުޅިވަރާ ބެހޭ ސުޕްރީމް ކައުންސިލުން މިއަދު ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 21،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގައި 55،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

ޣައްޒާގެ ކުޅިވަރާ ބެހޭ ސުޕްރީމް ކައުންސިލުން ބުނެފައި ވަނީ މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލް ސިފައިން ޣައްޒާ އަށް ދިން ހަމަލާތަކުގައި ކުޅިވަރު ކުޅުންތެރިންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެއެވެ. އެމީހުން ޝަހީދުކޮށްލުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައު އިން އިސްރާއީލްގެ އަސްކަރިއްޔާ އާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާތަނަށް އައިއިރު ވަރަށް ގިނަ ތަންތަނަށް ބޮން އަޅައި އެ ތަންތަން ހަލާކުކޮށްލާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ. އެގޮތުން ދަނޑުތަކާއި ސްޕޯޓްސް ކްލަބްތަކަށް ހަލާކުކޮށްލިއިރު، ވަރަށް ގިނަ ބަޔަކު ހައްޔަރު ވެސް ކުރި ކަމަށް ބުނެފައިވެއެވެ.

"ޣައްޒާ ސިޓީގައި ހުންނަ ޔަރްމޫކް ސްޓޭޑިއަމްގައި ގިނަ އަދަދެއްގެ އާންމުން މަޖުބޫރުކޮށްގެން ލައިގެން ހުރި އަންނައުނުތައް ބޭލުވުމަކީ ހިންގި ކުށެއް،" ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލްގެ ބަޔާނުގައި ވަނީ އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ނިމުމަކަށް ގެނައުމަށް ބާރު އެޅުމަށް ބޭރުގެ ފަރާތްތަކަށް ގޮވާލައިފައެވެ.