އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން އެއްގަމު މަގުން ޓޭންކްތަކުގައި ޣައްޒާގެ ދެކުނަށް ގޮސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ޣައްޒާގައި ތިބި ނޫސްވެރިން ބުނާ ގޮތުގައި މިދިޔަ ގަޑިއިރުތަކުގެ ތެރޭގައި ވައިގެ މަގުންނާއި އެއްގަމު މަގުން އިސްރާއީލް ސިފައިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން، އެންމެ ވަރުގަދަ ހަމަލާތައް ދޭ އެއް ދިމާލަކީ ޣައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސް ސިޓީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހާން ޔޫނުސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލް ކައިރި އަށް އެންމެ ފަހުން ދިން ވައިގެ ހަމަލާއެއްގައި ފަސް މީހަކު ޝަހީދުކޮށްލާފައިވެއެވެ.

އެ ހޮސްޕިޓަލް ކައިރިން ހިނގާފައި ދިޔަ ބަޔަކަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ނޫސްވެރިން ބުނެފައިވެއެވެ. ހާން ޔޫނުސްއަކީ ޣައްޒާގެ ދެކުނުގައި އޮންނަ އެންމެ ބޮޑު ސިޓީއެވެ. އެ ސިޓީ އަށް ވައިގެ މަގުން ހަމަލާތައް ދިނުމުގެ އިތުރުން އިސްރާއީލްގެ ޓޭންކުތައް ވެސް ވަނީ ވަދެފައެވެ. އިސްރާއީލްގެ މި ހަމަލާތަކުގައި ޒަހަމްވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގިނަ އިން އަންހެނުންނާއި ކުޑަކުދިން ކަމަށްވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލްގެ ޓޭންކުތައް މިހާރު ވަނީ ހާން ޔޫނުސްގެ ތެރެއަށް ވަންނަން ފަށައިފައެވެ.

އެއްގަމު މަގުން ޣައްޒާ އަށް ވަދެ ހަމަލާ ދެމުން ގެންދާއިރު އާންމުން މިހާރު ތިބީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުވެރިކަމުގައެވެ. މި ހަމަލާތައް މިހާރު މިދެނީ ދެ މަސް ދުވަސް ކުރިން ދޭން ފެށި ހަމަލާތަކާ ހެދި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ހިމާޔަތް ހޯދަން ގޮސް ތޮއްޖިފައިވާ ހިސާބުގައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ޣައްޒާގެ ދެކުނުގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި މިހާތަނަށް އައިއިރު ހާން ޔޫނުސްގައި ހުންނަ ހަމާސްގެ ހެޑްކުއާޓާޒްއެއް ވަނީ ރެއިޑްކޮށްފައެވެ. މިއީ ހަމާސް އިން އިންޓަލިޖެންސް ކަންކަމުގައި ބޭނުން ކުރާ ތަނެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އަދި ހަމަ އެ ތަނުން އިސްލާމިކް ޖިހާދުގެ ކޮމާންޑް ސެންޓަރެއް ވެސް ފެނިފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އެ ތަނުން އިންޓަލިޖެންސަށް ބޭނުންވާ ވަރަށް މުހިންމު ތަކެތި ފެނިފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 21،672 މީހުން ޝަހީދުވެ، 56,165 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

މިދިޔަ އޮކްޓޯބަރު 7 ގައި އިސްރާއީލަށް ހަމަލާދީ 1،200 އަށް ވުރެ ގިނަ މީހުން މަރާލުމުން ހަމާސް ނައްތާލުމުގެ ނަމުގައި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މި ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ދުނިޔެއިން ގޮވަމުންދާ އިރު ވެސް އިސްރާއީލުން އެކަމަށް ދީފައިވަނީ ބީރު ކަންފަތެކެވެ.