މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހިންގަމުން އަންނަ އުދުވާންތަކުގައި ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 307 އަށް އަރާފައިވާ ކަމަށް އދ. އިން މިއަދު ބުނެފިއެވެ.

އދ. އިން ބުނެފައިވާ ގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ހިންގި ޖަރީމާތަކުގައި 79 ކުޑަކުދިން ވަނީ ޝަހީދުކޮށްލައިފައެވެ. ހުޅަނގު އައްސޭރީން ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 298 ރައްޔިތުން ޝަހީދުކޮށްލީ އިސްރާއީލްގެ އަސްކަރިއްޔާ އިންނެވެ.

އަދި އިސްރާއީލްގެ ރައްޔިތުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އަށް ރައްޔިތަކު ވަނީ ޝަހީދުކޮށްލައިފައެވެ. ބާކީ ތިބި މީހުން ޝަހީދުވެފައި ވަނީ އިސްރާއީލްގެ ސިފައިން ނުވަތަ އިސްރާއީލްގެ ރައްޔިތުން ދިން ހަމަލާތަކުގައެވެ. އަދި އެއީ ސީދާ ކޮން ބަޔަކު ދިން ހަމަލާއެއްތޯ މިހާރު ދަނީ ކަށަވަރު ކުރަމުންނެވެ.

މި އަހަރު އެކަނި ވެސް އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީން ޖުމްލަ 506 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެސް ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ. އަދި ފަލަސްތީނުގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ.އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 70 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންނާއި އަންހެނުން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗާތައް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.