އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 352 ސްކޫލް ހަލާކުވެއްޖެއެވެ.

އދ. ގެ އެޖެންސީތަކާއި ތައުލީމާ ގުޅޭ ޖަމިއްޔާތަކުން ބުނެފައިވަނީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ތައުލީމް ހާސިލް ކުރަމުން އަންނަ 4000،700 ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ އަންހެން ދަރިވަރުން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެތެރެއިން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ޣައްޒާ ސިޓީ، ހާން ޔޫނުސް އަދި ޣައްޒާގެ އުތުރުގައި ހުރި ސްކޫލްތަކަށެވެ. މިއާއެކު، ޣައްޒާގައި ހުރި ތައުލީމުދޭ ތަންތަނުގެ ތެރެއިން %74 ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އެޖެންސީތަކުންނާއި ޖަމިއްޔާތަކުން ބުނެފައިވެއެވެ.

މި ތަންތަނުން ބުނާ ގޮތުގައި %90 ސްކޫލް އިމާރާތްތައް މިހާރު ބޭނުން ކުރަމުން ދަނީ ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދުމަށެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 70 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންނާއި އަންހެނުން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 21،672 މީހުން ޝަހީދުވެ، 56,165 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

މިދިޔަ އޮކްޓޯބަރު 7 ގައި އިސްރާއީލަށް ހަމަލާދީ 1،200 އަށް ވުރެ ގިނަ މީހުން މަރާލުމުން ހަމާސް ނައްތާލުމުގެ ނަމުގައި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މި ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ދުނިޔެއިން ގޮވަމުންދާ އިރު ވެސް އިސްރާއީލުން އެކަމަށް ދީފައިވަނީ ބީރު ކަންފަތެކެވެ.