އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ކުރީގެ މިނިސްޓަރެއް ކަމުގައިވާ ޔޫސުފް ސަލާމާ އަވަހާރަކޮށްލައިފިއެވެ.

ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ ވަފާ ނޫސް އެޖެންސީން ބުނީ މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާގައި ޔޫސުފް އަވަހާރަވެފައިވަނީ އިސްރާއީލުން ވައިގެ މަގުން އޭނާގެ ގެއަށް ދިން ހަމަލާގައި ކަމަށެވެ. ފަލަސްތީނުގެ ކުރީގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ޔޫސުފް 68، ދިރިއުޅުއްވަމުން ގެންދެވީ ޣައްޒާގެ މެދުތެރޭގައި އޮންނަ މަގާޒީ ކޭމްޕްގައެވެ. ފަލަސްތީނުގެ ފަތަހް ޕާޓީގައި އިސްކޮށް އުޅުއްވި ޔޫސުފް ވަނީ ފެބްރުއަރީ 2005 އިން މަޗް 2006 އަށް މިނިސްޓަރުކަން ކުރައްވައިފައެވެ.

ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް-އަގްސާ މިސްކިތުގައި ޔޫސުފް މީގެކުރިން ވަނީ ދީނީ ނަސޭހަތް ވެސް ދެއްވައިފައެވެ.

މިކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާތަނަށް އައިއިރު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 70 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންނާއި އަންހެނުން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗާތައް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.