ސްރީލަންކާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި 1200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހިންގަމުން ދަނީ "ޔުކްތިޔާ" ނުވަތަ "ޖަސްޓިސް" ގެ ނަމުގައެވެ. މީގެ ކުރިންވެސް މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު 15،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ.

މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން ބުނީ، ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން މިހާތަނަށް އިތުރު 1،229 މީހަކު އަތުލައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން 440 ގްރާމް ހެރޮއިން އާއި 260 ގްރާމް އައިސީއީ އާއި 15 ކިލޯގެ ކެނަބިސް އަދި އެހެނިހެން ބާވަތްތަކުގެ 417 ބޭސްގުޅަ އަތުލައިގެނަފައިވާ ފުލުހުން ބުންޏެވެ.

ސްރީލަންކާގައި އަންޑަވޯލްޑް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ހަރަކާތްތައް ހުއްޓުވުމަށް މުޅި ގައުމުގައި ސްޕެޝަލް އޮޕަރޭޝަން "ޔުކްތިޔާ" ފަށާފައިވަނީ 17 ޑިސެމްބަރުގައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންނާއި ސިފައިން ސްނިފަރ ކުއްތާ ބޭނުންކޮށްގެންނެވެ. މި އޮޕަރޭޝަންގައި ވެރިރަށާއި އެހެނިހެން ތަންތަނުގެ ގެތައް ބަލާ ފާސްކުރާ މަންޒަރު އެގައުމުގެ މީޑިއާތަކުން ވަނީ ދައްކާފައެވެ.

މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް ހޯދާފައިވާ މުދަލާއި އަންޑަވޯލްޑް ލީޑަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ މިހާތަނަށް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު