އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އަންނަ އުދުވާނާ ގުޅިގެން ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ޣައްޒާއަށް 16 ލޮރީގެ އެހީ ފޮނުވައިފިއެވެ.

މި ލޮރީތަކުގައި ކާބޯތަކެއްޗާއި ސިއްހީ ފަރުވާ އަށް ބޭނުންވާ ސާމާނާއި ބޯހިޔާވަހިކަމަށް ބޭނުންވާނެ ތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރެވޭނެ ތަކެތި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިސްރާއި ޣައްޒާ ގުޅޭ ރަފަހް ރޮނގު ހުރަސްކޮށް ސައުދީ ރިލީފް ސެންޓަރުން ޣައްޒާއަށް މިހާތަނަށް 172 ޓްރަކް ވަނީ ފޮނުވައިފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް މިވަގުތު ކޮންމެހެން ވެސް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި ސައުދީން ފޮނުވި އެހީއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު 21،800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އިސްރާއީލުން މެދުކެނޑުމެއް ނެތި ބޮން އަޅަމުންދާތީ ޣައްޒާގެ ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގައެވެ. ކާބޯތަކެތި އިންތިހާ އަށް ލިބުން ދަތިވެފައިވާ އިރު، ޣައްޒާގައި ހުރީ ސިއްހީ ފަރުވާ އަށް ބޭނުންވާ ވަރަށް މަދު އަދަދެއްގެ ސާމާނެވެ. ޣައްޒާގައި ކަރަންޓެއް ނެތް އިރު، ގިނަ ބަޔަކު ތިބީ އަމިއްލަ ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާގައި ދިރިއުޅޭ މީހުންގެ ތެރެއިން 2.3 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އަދި ވީނުވީއެއް ނޭނގި ގެއްލިފައި ތިބި މީހުންގެ އަދަދު 28،000 އަށް ވުރެ މައްޗަށް އަރާއިރު، އޭގެ ތެރޭގައި 9،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެ އެންމެން ތިބޭނެ ކަމަށް ބެލެވެނީ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައެވެ.

ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރަކީ ޣައްޒާއަށް އެހީވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ހިންގާ އެހީދޭ މަރުކަޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާ

    އެއްއަތުން ފިރުމާފައި އަނެއް އަތުން މޫނުމަތީގައި ނުވީއްލާ ސައުދީ! ތިޔައީ އިޒްރޭލަށް ވާގިވެރިވާ ވެރިން ތިބި ގައުމެއް. ފައިޞަލް ރަސްގެފާނު (ރަޙިމަހު الله) އަމަލުކުރެއްވި ގޮތަށް ޒަޔަނިސްޓުންނަށް ތެޔޮ ފޯރުކޮށްދިނުމާއި ތިޔަ ހޭދަކުރާހާ ފައިސާ ހުއްޓާލާފައި ފަލްސްޠީނުގެ ރައްޔިތުންގެ ބިމުން ޔަހީދީން ނެރެލުމުގައޮ ވާގިވެރިވެދީ! ހެއްދެވި ފަރާތުގެ ޢަދުއްވުންނާ ރަހުމަތްތެރިކަން ނުބާއްވާ!

  2. ސަމާން

    އެއްއަތުން ފިރުމާފައި އަނެއް އަތުން މޫނުމަތީގައި ނުވީއްލާ ސައުދީ! ތިޔައީ އިޒްރޭލަށް ވާގިވެރިވާ ވެރިން ތިބި ގައުމެއް. ފައިޞަލް ރަސްގެފާނު (ރަޙިމަހު الله) އަމަލުކުރެއްވި ގޮތަށް ޒަޔަނިސްޓުންނަށް ތެޔޮ ފޯރުކޮށްދިނުމާއި ތިޔަ ހޭދަކުރާހާ ފައިސާ ހުއްޓާލާފައި ފަލްސްޠީނުގެ ރައްޔިތުންގެ ބިމުން ޔަހީދީން ނެރެލުމުގައޮ ވާގިވެރިވެދީ! ހެއްދެވި ފަރާތުގެ ޢަދުއްވުންނާ ރަހުމަތްތެރިކަން ނުބާއްވާ!

  3. ޢަލީ

    އަބަދުވެސް އަނިޔާވީމައި ބޭހަށް ހަރަދުކުރުމުގެ ބަދަލުގައި އަނިޔާވުން ނުހުއްޓުވެނީ ކީއްވެ؟