ޖަޕާނުގެ މެދު ތެރޭގެ ސަރަހައްދަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ޖަޕާނުގެ އިތުރުން ދެކުނުގެ ކޮރެއާށްވެސް ސުނާމީގެ އިންޒާރު ނެރެފިއެވެ.

އިޝިކާވާ ޕްރިފެކްޗާގެ ނޯޓޯ ސަރަހައްދަށް މިއަދު ޖަޕާނު ގަޑިން ހަވީރު 4:10 އެހާކަންހާއިރު އައި ބިންހެލުމާ ގުޅިގެން ދެކުނު ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ 0.3 މީޓަރާއި ހަމައަށް އުސް ސުނާމީ ރާޅުތައް އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް އަރާފާނެ ކަމަށެވެ.

އެ ރާޅުތައް އެ ގައުމުގެ ގަޑިން 18:29 އާއި 19:17 އާ ދެމެދު އަރާނެ ކަަމަށް ލަފާ ކޮށްފައި ވެއެވެ.

މިހާތަނަށް ޖަޕާނުގެ އިޝިކާވާ ޕްރިފެކްޗާގެ ވާޖިމާ ސިޓީއަށް 1.2 މީޓަރުގެ ސުނާމީއެއް އައިސްފައިވާކަން .ވަނީ މީޑިއާތަކުން ކަށަވަރުކޮށްފައެވެ.

އަދި ނޯޓޯއަށް 5 މީޓަރަށް ރާޅު އަރާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އަދި އަވަށްޓެރި ނިގާޓާ އާއި ޓޯޔާމާ ޕްރިފެކްޗާތަކަށް ސުނާމީގެ އިންޒާރު ވެސް ދީފައިވާއިރު ރާޅުތައް 3 މީޓަރަށް އަރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.