ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ނިރުބަވެރިންގެ އިތުރު ތިން ސިފައިން މަރާލައިފިއެވެ.

އިސްރާއީލު ސިފައިންގެ އިތުރު ތިން މީހުން މަރުވެފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޓެލެގްރާމްގައި ކަށަވަރު ކޮށްދީފައެވެ.

ޣައްޒާގައި ހަނގުރާމަ ކުރަމުން ދަނިކޮށް މަރާލާފައިވަނީ ދެ ސްޓާފް ސާޖެންޓުންނާއި ކެޕްޓަނެކެވެ. އެމީހުން މަރާލަފައި ވަނީ އިމާރާތެއް ރެއިޑް ކުރުމުގެ ތެރެއިން ހަމާސް ގެ މުޖާހިދުންނާއި ދެމެދު ބަދަލު ކުރެވުނު ބަޑީގެ ހަމަލާތަކުގައި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ރެއިޑް ކުރެވުނު އިމާރާތަކީ ޣައްޒާ ސިޓީގައި ހުންނަ ހަމާސް ޖަމާއަތުގެ މައި މަރުކަޒެކެވެ. އެ އިމާރާތުގައި ހަމާސްގެ ކޮމާންޑް އަދި ކޮންޓްރޯލް ރޫމުތައް ހުރި ކަމަށްވެސް އެމީހުން ބުނެފައި ވެއެވެ

ހަނގުރާމައިގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 31 ސިފައިން ޒަހަމް ވެފައިވާ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އަސްކަރިއްޔާއިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 507 ސިފައިން ވަނީ މަރާލާފައެވެެ. އަދި އިތުރު 2265 މީހުން ވަނީ ޒަހަމްވެފައެވެ.

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ސިފައިންގެ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ނުކުޅެދޭ މީހުންނަށް ދަނީ ވަމުންނެވެ. އެހެންކަމުން ގެއްލުންތައް ބޮޑުވެ އިސްރާއީލުން ވަނީ ޣައްޒާގައި ހަނގުރާމަ ކުރަމުން ދިޔަ އެތައް ސިފައިންނެއް ޣައްޒާއިން ބާލައި އަނބުރާ އިސްރާއީލަށް ގެންގޮސްފައެވެ.