ރަޝިޔާ އާއި ޔޫކުރޭނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޔޫކުރޭނަށް އެހީވުމުގެ ގޮތުން އިނގިރޭސިވިލާތުން އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައިވާ އަސްކަރީ އެހީތަކުގެ ތެރޭގައި ހިމެނޭ ކަނޑު އަޑީގެ މައިން ހޯދާ ދެ އުޅަނދު ޔޫކްރޭނަށް އެތެރެވިޔަ ނުދޭނެ ކަމަށް ތުރުކީން ބުނެފިއެވެ.

ކަޅު ކަނޑަށް ވަދެ ނުކުތުމަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ އުޅަނދުތަކަކުން ވެސް ބޭނުން ކުރަން ޖެހެނީ ތުރުކީގެ އިސްތަންބޫލްގެ ބޯސްފަރަސް ކަނޑުއޮޅިއެވެ ނުވަތަ ސުޓްރެއިޓެވެ.

އެ ސުޓެރެއިޓަކީ ގަދީމީ ޒަމާނުންސުރެ ވެސް ވަރަށް މުހިއްމު އަސްކަރީ ޕޮއިންޓެކެވެ. އެއީ ކަޅު ކަޅާއި ގުޅިފައިވާ ހުރިހާ ގައުމުތަކާއި ދުނިޔެ އާއި ގުޅުވައިދޭ ހަމަ އެކަނި މަގަކީ އެއީ ކަމަށް ވުމުންނެވެ.

ތުރުކީ އިން ބުނެފައިވަނީ އެހެން ގައުމެއްގެ ދާހިލީ ހަމަޖެހުމާއި ގުޅިފައިވާ ކަމެއްގެ ތެރެއަށް ތުރުކީން ވަންނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މި އަސްކަރީ އުޅަނދުތައް ބޯސްފަރަސް ކަނޑުއޮޅި ހުރަސް ކުރަން ހުއްދަ ދީފިނަމަ ތުރުކީން ބައިވެރި ވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާ އަކާއި ހިލާފު ވެވެނީ ކަމަށެވެ.

އެ ބައިނަލްއަޤްވާމީ މުއާހަދާ ބުނާ ގޮތުން އެއްވެސް ހަނގުރާމައަކަށް ބޭނުން ކުރާ އުޅަނދެއް މި ކަނޑުއޮޅި ހުރަސް ކުރަން ހުއްދަ ދިނުމަކީ މަނާކަމެކެވެ.

އިނގިރޭސިވިލާތާއި ނޭޓޯގެ އެހެން ގަައުމުތަކުން ދަނީ މެދުކެނޑުމެއް ނެތި ޔޫކުރޭނަށް އެކި ކަހަލަ އަސްކަރީ އެހީތައް ދެމުންނެވެ. މީގެ ތެރޭގައި އެންމެ ޒަމާނީ ހަތިޔާރުތައް ވެސް ހިމެނެއެވެ.

އިނގިރޭސިވިލާތުން މި މައިން ހޯދާ އުޅަނދުތައް ޔޫކުރޭނަށް ދޭނެ ކަމަށް އިއުލާން ކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރަޝިޔާއިން ޔޫކުރޭނަށް ހަމަލާދިނުމާއި ގުޅިގެން ތުރުކީން ވަނީ 1936 ވަނަ އަހަރު އެއްބަސްވެވުނު މޮންޓްރެކްސް ކޮންވެންޝަނަށް އަމަލު ކުރަން ފަށާފައެވެ. އަދި ކަޅު ކަނޑަށް އެއްވެސް އަސްކަރީ މަނަވަރަކަށް ނުވަދެވޭ ގޮތަށް ކަޅު ކަނޑު ބަންދު ކޮށްލާފައެވެ.

ތުރުކީ އަކީ ވެސް ނޭޓޯގެ މެންބަރު ގައުމެއް ކަމުން ތުރުކީން މިހާރު ވަނީ އިނގިރޭސިވިލާތުން ހަދިޔާ ކުރި އުޅަނދުތައް އެ ގައުމުން ކަޅު ކަނޑަށް އެތެރެވިޔަ ނުދޭނެ ކަން އިނގިރޭސި ވިލާތަށް އަންގާފައެވެ.