ލުބްނާންގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުގެ ނިރުބަވެރިން ދިން ހަމަލާއެއްގައި ހަމާސްގެ ޑެޕިޔުޓީ ލީޑަރު ސާލިހް އަލް އަރޫރީ ޝަހީދުކޮށްލައިފިއެވެ.

ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ ސާލިހް އަލް އަރޫރީ ޝަހީދުވެފައި ވަނީ ބެއިރޫތުގައި އެއްޗެއް ގޮއްވާލައިގެން ކަމަށެވެ.

ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނީ ބޮމުގެ ހަމަލާގައި ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށާއި އެއީ އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއް ކަމަށެވެ.

މީސް މީޑިއާގައި އާންމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބެއިރޫތުގެ ދެކުނުގައި ހުރި ބައެއް ވެހިކަލްތަކުގެ އަނދާހުލިވެފައި ވަނީ ހަމަލާއަށް ފަހު ކައިރީގައި މީހުން އެއްވެފައި ވަނިކޮށެވެ.

ބޮން ގޮއްވާލި ދާހިއްޔާއަކީ ގިނަ ބަޔަކު ދިރިއުޅޭ އަވަށެއް ނަމަވެސް، ލުބުނާނުގެ ހަތިޔާރު އެޅި ހަރަކާތެއް ކަމަށްވާ ހިޒްބުاللهގެ ހަރުގެއެއްގެ އިތުރުން ހަމާސްގެ އޮފީސްތައް ވެސް ހުރެއެވެ.

އަލް އަރޫރީއަކީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އެ ޖަމާއަތް ހަރަކާތްތެރިވުމުގައި އިސްކޮށް ހުންނެވީ ހަމާސްގެ އަސްކަރީ ގޮފީގެ އެއް ބާނީއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ 7 އޮކްޓޯބަރު 2023 ގައި ހަމާސް-އިސްރާއީލު ހަނގުރާމަ ފެށުމުގެ ކުރިންވެސް އޭނާ ޝަހީދުކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.

އަލްއަރޫރީ އަކީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޑެޕިއުޓީ ޗީފް ގެ އިތުރުން ފަލަސްތީނު ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ޤަސާމް ބްރިގޭޑްސްގެ އެއް ބާނީއެވެ. އޭނާ އުފަންވީ 1966 ވަނަ އަހަރު ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ އަށެވެ.

އިސްޜާއީލުގެ ޖަލުގައި 15 އަހަރު ހޭދަކުރެއްވުމަށްފަހު ލުބްނާނުގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވަމުން ގެންދެވި އޭނާ ވަނީ ފާއިތުވި ހަފުތާތަކުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ހަމާސް ޖަމާއަތާއި އެ ޖަމާއަތުގެ ސްޓްރެޓެޖީގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

މިދިޔަ އޮކްޓޫބަރު މަހު އިސްރާއީލު ސިފައިން ވަނީ ރަމަﷲ ކައިރީގައި ހުންނަ އޭނާގެ ގެ ތަޅާލާފައެވެ.