މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އޮޕަރޭޝަން "ޔުކްތިޔާ" އާ ގުޅިގެން އިއްޔެ ވެސް 800 މީހުން ހައްޔަރުކޮށްފިއެވެ.

މިއާއެކު، ލަންކާގައި ހިންގަމުންދާ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ފުލުހުން މިދިޔަ ހޯމަ ދުވަހު ވަނީ ޑްރަގް ވިޔަފާރިކުރާ މީހެއްގެ ހޮޓަލެއް ބިމާ ހަމަކޮށްލައިފައެވެ. ފުލުހުންނާއި ކޯސްޓްގާޑް ގުޅިގެން އެ ތަން ތަޅާލާފައި ވަނީ އިމާރާތްކުރުން މަނާ ސަރަހައްދެއްގައި އެ ހޮޓަލް އަޅާފައިވާ ކަމަށް ބުނެއެވެ. ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ހޮޓާ ތަޅާލަން އުޅުމުން އެކަމަށް ހުރަސް އެޅި ހޮޓަލުގެ ޑިރެކްޓަރަކާއި އިތުރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސްރީލަންކާގައި އަންޑަވޯލްޑް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ހަރަކާތްތައް ހުއްޓުވުމަށް މުޅި ގައުމުގައި ސްޕެޝަލް އޮޕަރޭޝަން "ޔުކްތިޔާ" ނަމުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ މަހުގެ 17 ގައެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް ހޯދާފައިވާ މުދަލާއި އަންޑަވޯލްޑް ލީޑަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ މިހާތަނަށް ފުލުހުން ވަނީ އަތުލައިގެންފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގާނޫނާ ހިލާފަށް ހޯދާފައިވާ 558.5 މިލިއަން ރުފިޔާގެ މުދާ ވެސް ދައުލަތަށް ވަނީ ނަގައިފައެވެ. މި އޮޕަރޭޝަންގައި 858 މިލިއަން ރުޕީސްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި މައްސަލަތަކުގައި ހައްޔަރު ކުރި 1،000 އަށް ވުރެ ގިނަ މީހުން ވަނީ އަސްކަރިއްޔާއިން ހިންގާ ފެސިލިޓީއެއްގައި ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވާން މަޖުބޫރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާދަލޭކް

    އިސްލާމް ޤައުމަކަށް ނުވިޔާސް ޑުރަގުގެ ވަބާއިން ސަލާމަތް ވުމަށް ޤައުމު ތަކުން ކުރާ މަސްްއްކަތް ފެނޭތް؟ ރައޔަތުން ނައް ދެރަ ކަމެއް ނަމަ މިކަމުން ވެސް މިސާލު ނގައިގެން އެކަމެއް ކުރާނެ މިސާލަކަށް ތެލުގެ އަގު ބޮޑުކޮތް ޓެކުސް ބޮޑުކުރިނަމަ މިޤައުމުންވެސް އެކަން ކުރާނެ.