ސްރީ ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ކުރިއަށްދާ "ޔުކްތިޔާ" އޮޕަރޭޝަންގައި ހައްޔަރު ކުރި ޖުމްލަ މީހުންގެ އަދަދު 22،500 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1،182 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިއާ އެކު، މިދިޔަ މަހުގެ 17 ގައި ފެށި މި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ އަދަދު 22،500 އަށް ވުރެ މައްޗަށް އަރައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ލަންކާގެ ކިތައް މީހުން ކަމެއް އަދި ބޭރު ގައުމުތަކުގެ ކިތައް މީހުން ކަމެއް ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ވަނީ މިހާތަނަށް އައިއިރު، މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން 287 ހެރޮއިން، 246 އައިސް އަދި 5.4 ކިލޯގެ ކެނަބިސް ހޯދައިފައެވެ. އަދި ޕާޓީ ޑްރަގްސްގެ ގޮތުގައި 119 ގުޅަ ވަނީ ހޯދައިފައެވެ.

ފުލުހުން މިހާތަނަށް އައިއިރު، ވަނީ ލަންކާގެ އެކި ސަރަހައްދުތަކުގައި 21،700 ރެއިޑް ހިންގައިފައެވެ.

ސްރީލަންކާގައި އަންޑަވޯލްޑް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ހަރަކާތްތައް ހުއްޓުވުމަށް މުޅި ގައުމުގައި ސްޕެޝަލް އޮޕަރޭޝަން "ޔުކްތިޔާ" ނަމުގައި ފެށި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް ހޯދާފައިވާ މުދަލާއި އަންޑަވޯލްޑް ލީޑަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ މިހާތަނަށް ފުލުހުން ވަނީ އަތުލައިގެންފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގާނޫނާ ހިލާފަށް ހޯދާފައިވާ 558.5 މިލިއަން ރުފިޔާގެ މުދާ ވެސް ދައުލަތަށް ވަނީ ނަގައިފައެވެ. މި މައްސަލަތަކުގައި ހައްޔަރު ކުރި 1،000 އަށް ވުރެ ގިނަ މީހުން ވަނީ އަސްކަރިއްޔާއިން ހިންގާ ފެސިލިޓީއެއްގައި ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވާން މަޖުބޫރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަކުނު

    ރާއްޖޭގައި މިފަދަ އޮޕޮރޭޝަނެއް ހިންގޭނީ ފުލުހުންނައި ސިފައިން ސިޔާސީ ނުފޫޒުން މިނިވަންވެގެން

  2. އަލީ

    ރާއްޖޭގަވެސް ލަންކާސިފައިންގެ އެހީތެރިކަމާއެކު މިފަދަ އޮޕަރޭސަނެއް ހިންގަންފެނޭ. ލަފާކުރެވޭގޮތުގައި މިޔަށްވުރެގިންމީހުން އަތުލެވޭނެ