ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ޣައްޒާ ތެރޭގައި ނިރުބަވެރި ސިފައިންގެ އިތުރު މީހަކު މަރާލައިފިއެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން އިއުލާނު ކުރި ގޮތުގައި ޣައްޒާގެ އުތުރުގައި ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި މަރާލާފައިވަނީ އުމުރުން 21 އަހަރުގެ ކޮމްބެޓް އިންޖިނިއާސް ކޯޕްސްގެ މޭޖަރ ޖެނެރަލްގެ މަގާމުގައި ހުރި މީހެކެވެ.

ޣައްޒާގައި އިސްރާއީލުގެ އިތުރު ސިފައިންގެ މީހަކު މަރާލާފައިވާއިރު، އދ. އިން އާންމު ކުރި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން މިމަހުގެ އެއްވަނަ ދުވަހާއި ހަމައަށް ޣައްޒާ ތެރޭގައި ވަނީ އިސްރާއީލުގެ ތިން ސިފައިންގެ މީހަކު މަރާލާފައެވެ.

މިއާއި އެކީ މީގެ ދެމަސް ކުރިން ނިރުބަވެރި އިސްރާއީލުން ޣައްޒާ ތެރެއަށް ވަދެ ކުރަން ފެށި ހަނގުރާމައިގެ ތެރެއިން މަރާލާފައިވާ އިސްރާއީލް ސިފައިންގެ އަދަދު މިހާރު ވަނީ 171 އަށް އަރާފައެވެ. އަދި މިހަމަލާތަކުގައި މިހަތަނަށް 983 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ދީފައެވެ.

ޣައްޒާ ތެރޭގައި މަރާލި ނިރުބަވެރި ސިފައިންގެ އަދަދު 171 އަށް އަރާފައިވަނީ މިފަހުން މަރާލާފައިވާ 21 އަހަރުގެ މީހާ ލައިގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ނިރުބަވެރި އިސްރާއިލާއި ޣައްޒާއާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން މިހާތަނަށް ޣައްޒާގެ 22،000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އަދި މިހަމަލާބަދަލުކުރުންތަކުގައި 50،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.