ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ނިރުބަވެރިން އަންނަނީ ލުބުނާނުގައި އޮންނަ ހިޒްބުﷲ ޖަމާއަތަށް ވެސް ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް އެތަކެއް ބަޔަކު ޝަހީދުވެ، މަރުވެފައިވާއިރު، އިއްޔެގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ވަނީ ލުބުނާނަށް ހަމަލާތަކެއް ދީ، ހަމާސް ޖަމާއަތުގެ ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނޭ ސާލިހް އަލް އަރޫރީ ޝަހީދު ކޮށްލާފައެވެ.

ނިރުބަވެރިން ސާލިހް ޝަހީދު ކޮށްލާފައިވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ. ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ ނިރުބަވެރިން ގޮއްވާލާފައިވަނީ ޑްރޯނެކެވެ. އެހެން ނަމަވެސް އަދި އެކަން ކަށަވަރުވެފައެއް ނުވެއެވެ.

ނިރުބަވެރިން ޝަހީދު ކޮށްލާފައިވާ ސާލިހަކީ ހަމާސް ޖަމާއަތުގައި އެންމެ އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި، އެޖަމާއަތާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި ދެމެދު ގާތް ގުޅުމެއް ބާއްވާފައިވާ ދެފަރާތުގެ ގުޅުން ވަރުގަދަ ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

ސާލިހް އަލް އަރޫރީ-- ފޮޓޯ: ގޫގަލް

ހަމާސްގެ އަސްކަރީ ގޮފި، އަލް-ޤައްސާމް ބްރިގޭޑްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުމުރުން 57 އަހަރުގެ ސާލިހަކީ 2017 ވަނަ އަހަރުން ފެށިގެން އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާފައިވާ ހުޅަނގު އައްސޭރީގައި ހަމާސް ޖަމާއަތުން ހިންގާ އޮޕަރޭޝަންތަކުގައި އިސްކޮށް ހުންނަވައިގެން ހަތިޔާރު އެތެރެކޮށް، ގޮޅިތައް ގާއިމުކޮށް، ހަމާސްގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ.

ސާލިހް މި މަސައްކަތުގެ ތެރޭގައި އުޅުއްވަނިކޮށް، އިސްރާއީލުގެ ނިރުބަވެރި ސިފައިން 1992 ވަނަ އަހަރު ވަނީ އޭނާ ހައްޔަރުކޮށް 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭރު އޭނާ ޖަލަށްލާން ހުކުމް ކޮށްފައިވަނީ ހަމާސް ޖަމާއަތުގެ ޤައްސާމް ބްރިގޭޑްސް އުފެއްދުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައެވެ.

ސާލިހް އަލް އަރޫރީ-- ފޮޓޯ: ގޫގަލް

އެމައްސަލައިގައި ހައްޔަރުގައި ބަހައްޓައި، 2007 ވަނަ އަހަރު އޭނާ ދޫކޮށްލާފައިވާއިރު، 2010 ވަނަ އަހަރާއި ހަމައަށް ތިން އަހަރު ވަންދެން އޭނާ ވަނީ ބަންދުގައި ބަހައްޓާފައި ފަހުން ސީރިއާއަށް ބ

2007 ވަނަ އަހަރު ދޫކޮށްލުމަށްފަހު، އޭގެ ތިން މަސް ފަހުން އަލުން ހައްޔަރުކޮށް، 2010 ވަނަ އަހަރު ނިރުބަވެރި ވަނީ އޭނާ މިނިވަންކޮށް ސީރިއާއަށް އަރުވާލާފައެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރެއްގެ ގޮތުގައި އޭނާ ހޮވި، ސީރިއާއަށްއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ތުރުކީ އާއި ގަތަރު ފަދަ ގިނަ ގައުމުތަކަކަށް ބަދަލުވެފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ލުބުނާނުގެ ބެއިރޫތަށް ދިރިއުޅުން ބަދަލު ކޮށްފައެވެ.

ސާލިހަކީ އެމެރިކާއިން 2015 ވަނަ އަހަރު ނިރުބަވެރިއެއްގެ ގޮތުގައި ކަނޑައަޅައި، އޭނާ ހުރި ތަނެއް އެނގޭ ފަރާތެއް، އަދި އޭނާއާއި ބެހޭ މައުލޫމާތު އެނގޭ މީހަކަށް ފަސް މިލިއަން ޑޮލަރުގެ އިނާމެއް ދޭން ހުށަހަޅާފައެވެ.