ޖަޕާންގެ އިޝިކާވާ އަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 62 އަށް އަރައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމޭބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ޖަޕާނުން ބުނެފައިވާ ގޮތުގައި ބިންހެލުމާ ގުޅިގެން 300 އަށް ވުރެ ގިނަ މީހުން ޒަހަމްވި އިރު، 20 މީހެއްގެ ހާލު ސީރިއަސްއެވެ. އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައި ތިބުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިއަށް ވުރެ އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނަށް އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގައި މަގުތައް ހަލާކުވެ، މީހުން ދިރިއުޅޭ ގެތަކާއި އިމާރާތްތަކެއް ވެސް ބިމާ ހަމަވެފައިވެއެވެ. އަދި ޖަޕާންގެ ސިޓީއެއް ކަމަށްވާ ވާޖިމާ ސިޓީގެ ބައެއް ހިސާބުތަކުގައި އަލިފާން ރޯވެ ބައެއް އިމާރާތްތައް ވަނީ އަނދައި ހުލިވެފައެވެ.

ބިންހެލުމާ ގުޅިގެން ޖަޕާނަށާއި ދެކުނު ކޮރެއާ އަށް ސުނާމީ އަރާފައިވެއެވެ. ޖަޕާނަށް އެރި ސުނާމީއާ ގުޅިގެން ވެސް ބައެއް ގެއްލުންތައް ލިބުނެވެ.

ޖަޕާންގެ މަގުތައް ހަލާކުވުމުގެ ސަބަބުން މީހުން ހޯދުމާއި ސަލާމަތް ކުރުމުގައި ގޮންޖެހުންތައް ބޮޑުވެފައިވާ ކަމަށްވެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާތަނަށް އައިއިރު ވަގުތީ ހިޔާތަކުގައި 31،800 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ.

"ކާރިސާއަށް 40 ގަޑިއިރަށް ވުރެ ގިނަ ގިނަ އިރު ފާއިތުވެގެން ހިނގައްޖެ. ސަލާމަތް ކުރަން ބޭނުންވާ މީހުންނާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ އިރު، އެހީތެރިކަމަށް އިންތިޒާރު ކުރަމުންދާ މީހުން ވެސް އެބަތިބި،" ކުއްލި ޓާސްކް ފޯހުގެ ބައްދަލުވުމަށް ފަހު ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ ބިންހެލުމުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ނޮޓޯ ޕެނިންސުލާއަށް ކަމަށާއި އެ ސަރަހައްދަށް ބެނުންވާ އެހީ ސަރުކާރުން ފޯރުކޮށްދެމުން ދަނީ ކަނޑުމަގުން ކަމަށެވެ. އަދި ކަނޑު މަގުން އެހީތެރިކަން ފޯރު ކޮށްދެނީ ބިން ހެލުމުގައި މަގުތަށް ދަތުރު ނުކުރެވޭ ވަރަށް ހަލާކުވެފައި ވުމާއި ގުޅިގެން ކަމަށް ވިދާޅުވިއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ (ޖޭއެމްއޭ) އިން ބުނީ ކުރިއަށް ހުރި ވަގުތުތަކުގައި ޖަޕާނަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކަލާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ޖަޕާނަށް ބޭނުންވާ އެހީ ހިފައިގެން ދަތުރު ކުރަމުން ދިޔަ މަތިންދާ ބޯޓެއް އެހެން މަތިންދާ ބޯޓެއްގައި ޖެހި އިއްޔެ ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ވެސް ހިނގައިފައެވެ. އެ ހާދިސާގައި ކޯސްޓުގާޑުގެ މަތިންދާ ބޯޓުގައި ތިބި ފަސް ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި އެހީގެ ސާމާނުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.