ހަމާސް ޖަމާއަތުގެ ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނޭ ސާލިހް އަލް އަރޫރީ ޝަހީދު ކޮށްލުމުން އަދަބު ނުދީ ދޫކޮށް ނުލެވޭނެ ކަމަށް ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ ސާލިހް ޝަހީދު ކޮށްލި ނަމަވެސް އޭގެ ސަބަބުން ލުބުނާނު، ސީރިއާ، އިރާގު، އަދި ޔަމަނުން ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން ބިރުގަނެ ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އަހަރެމެން ގަބޫލު ކުރަނީ ބޭރޫތުގެ ދާހިޔާގެ މެދުގައި ސާލިހް އަލް އަރޫރީ އާއި އޭނާގެ ބައިވެރިން ޝަހީދުކޮށްލުމަކީ ލުބުނާނާއި، ލުބުނާނުގެ ސަލާމަތާއި، އިސްތިގުލާލާއި، ލުބުނާނުގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކާއި ދެކޮޅަށް ދެވުނު ނުރައްކާތެރި ހަމަލާއެއް ކަމަށް." ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ސާލިހް އާއި އޭނާގެ ބައިވެރިން ޝަހީދު ކޮށްލުމަކީ އިސްރާއީލާއި، އެ ޖަމާއަތްތަކުގެ ކޯލިޝަނާއި މެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރު ވެގެންދާނެ ކަމެއްގެ ގޮތުގައި ވެސް ހިޒްބުﷲ އިން ވަނީ ސިފަ ކޮށްފައެވެ.

"އަހަރެމެން، ހިޒްބުﷲ އިން ފާހަގަ ކުރަން ބޭނުން މި ކުށަށް ރައްދެއް ނުވަތަ އަދަަބެއް ނުދީ ދޫކޮށް ނުލެވޭނެ ކަން." ހިޒްބުﷲ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ އެ ޖަމާއަތް އަދިވެސް އޮތީ އެމީހުންގެ އުސޫލުތަކުގައި ހިފަހައްޓައިގެން ވަރުގަދަ ކޮށް ކަމަށެވެ. އަދި އެ ޖަމާއަތުގެ މެމްބަރުން ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށްވެސް އެ ޖަމާއަތުން ބުނެފައި ވެއެވެ.

ނިރުބަވެރިން ސާލިހް ޝަހީދު ކޮށްލާފައިވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ. ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ ނިރުބަވެރިން ގޮއްވާލާފައިވަނީ ޑްރޯނެކެވެ. އެހެން ނަމަވެސް އަދި އެކަން ކަށަވަރުވެފައެއް ނުވެއެވެ.