ރަޝިއާ އިން ތެޔޮ ގަތުމުގެ ޑީލް ކުރިއަށް ނުދިއުމުން އިންޑިއާ އިން ސައޫދީ އަރަބިއްޔާ މެދުވެރިކޮށް ތެޔޮ އެތެރެ ކުރަން ފަށައިފިއެވެ.

ރަޝިއާ އާއި އިންޑިއާއާ ދެމެދު އުފެދުނު ފައިސާ ދެއްކުމުގެ މައްސަލަތަކަށް ހައްލެއް ނުލިބި އެންމެ ފަހުން ރަޝިއާގެ ތެޔޮ ޓޭންކަރުތައް ވަނީ އެހެން ދިމާލަކަށް މިސްރާބު ޖަހައިފައެވެ. އޭގެ ސަބަބުން އިންޑިއާގެ އިގުތިސާދަށް އަތުވެދާނެ ހީނަރު ކަމަކުން ސަލާމަތް ކުރުމަށްޓަކައި އިންޑިއާ އިން ވަނީ ސައޫދީ އަރަބިއްޔާ އިން ތެޔޮ އެތެރެކުރަން ނިންމާފައެވެ.

ސައޫދީ އަރަބިއްޔާ އަކީ ދުނިޔޭގެ އެންމެ ގިނަ އިން ތެޔޮ އުފައްދާ އަދި ދުނިޔޭގެ ދެ ވަނަ އަށް އެންމެ ގިނައިން ތެލުގެ ރިޒާވް ވެސް ހުރި ގައުމެވެ.

ރަޝިއާ އާއި އިންޑިއާ އާއި ދެމެދު ޖެހިގެން އުޅޭ ފައިސާ ދައްކާނެ ގޮތެއް ކަނޑައެޅުމުގެ މައްސަލައާއި ގުޅިގެން އިންޑިއާ އިން ރަޝިއާގެ ތެޔޮ އެތެރެކުރާ މިންވަރު މިހާރު މި ވަނީ ދަށްވެފައެވެ. އެގޮތުން ޑިސެމްބަރު މަހު ރަޝިއާއިން ތެޔޮ އެތެރެކުރި ވަރު ވަނީ 22 އިންސައްތަ އިން 16 އިންސައްތަ އަށް ވެއްޓިފައެވެ. އެއީ ދުވާލަކަށް 1.21 މިލިއަން ފީފާގެ ތެލެވެ.

އަދި ޑިސެމްބަރ މަހުގައި ސައުދީ އަރަބިއްޔާ އިން ތެޔޮ އެތެރެކުރި މިންވަރު ވަނީ 4 އިންސައްތަ އިތުރުވެފައެވެ.

އިންޑިއާ އަކީ މިހާރު ދުނިޔޭގައި އަރަމުން އަންނަ ބޮޑު އިގުތިސޯދެކެވެ. އުފެއްދުންތެރިކަމުގެ ސިނާއަތުގައި އަދި އުމްރާނީ ތަރައްގީ ގައި ވެސް އިންޑިއާ ދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އަދި އެ ގައުމުގެ ސަރުކާރުން މާލީ ގާނޫނުތަކަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން އިންޑިއާގައި އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް ދަނީ ކުރަމުންނެވެ.