އިންޑއާ އާއި ޕާކިސްތާނުން އެ ދެގައުމުގައި ހުރި ނިއުކްލިއާ ސައިޓްތަކުގެ ސިއްރު މައުލޫމާތު އެއް ގައުމު އަނެއް ގައުމާ ހިއްސާ ކޮށްފިއެވެ.

ތިރީސް އަހަރު ދުވަސްވީ އާދަކާދައިގެ މަތިން އިއްޔެ ދެ ގައުމުން ވެސް މައުލޫމާތު ހިއްސާ ކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން އެއްވެސް ގައުމަކުން އަނެއް ގައުމުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާއެއް ނުދޭނެއެވެ. ހަނގުރާމައިގެ ހާލަތުގައި ވެސް ދެ ގައުމުން އެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތަން ޖެހެއެވެ.

އިންޑިއާ އަދި ޕާކިސްތާނަކީ ވެސް ނިއުކްލިއާ ހަތިޔާރުގެ ގާބިލު ކަން ލިބިފައިވާ ދެ ގައުމެވެ. މި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހާރިޖީ ނުތަނަވަސްކަމާއި ގުޅިގެން މި ފަދަ އެއްބަސްވުމެއް އޮތުން ވަރަށް މުހިއްމު ކަމަށް ދުނިޔޭގެ އަސްކަރީ މާހިރުން ވިދާޅުވެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނެފައި ވަނީ އިއްޔެގެ ވަގުތެއްގައި ނިއު ދިއްލީ އާއި އިސްލާމްއާބާދާއި ދެމެދު އެ މައުލޫމާތު ހިއްސާ ކުރެވިފައި ވާނެކަމަށެވެ. އަދި މިއީ ދެ ގައުމުން ދެ ގައުމުގެ ސަލާމަތަށް ވިސްނާ އަދި އޮޅުމަކުން ވެސް ނިއުކުލެއަރ ސައިޓަކަށް ހަމަލާއެއް ދެވިދާނެތީ އެކަމަށް ރައްކާތެރިވާން ޒަމާނުއްސުރެ ކުރާ ކަމެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ފަދަ ހަމަލާއެއްގެ ސަބަބުން ގެއްލުން ވާނީ ހަމައެކަނި ހަމަލާ އަމާޒުވާ ގައުމަށް ނޫން ކަމަށާއި އޭގެ ސަބަބުން މުޅި ސަރަހައްދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް މާހިރުން ވިދާޅުވެއެވެ.

އިންޑިއާ އާއި ޕާކިސްތާނު އިނގިރޭސިންގެ އަޅުވެތިކަމުން ސަލާމަތްވި ފަހުން ވަނީ އެކި މައްސަލަތަކުގައި އަރާރުންވެ ތިން ހަނގުރާމަ އެއް ވެސް ކޮށްފައެވެ. އަދި ދޭތެރެ ދޭތެރެއިން ބޯޑަރުގައި ހަމަލާތައްވެސް ބަދަލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު