ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ޣައްޒާ މީހުންގެ އަދަދު 22،313 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާގައި މިހާތަނަށް 22،313 މީހަކު ޝަހީދުކޮށްލައި، 57،296 މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ދީފައެވެ.

މިހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 57،296 ގައި އުޅޭއިރު، ސުންނާފަތިވެފައިވާ އިމާރާތްތައް ދަށުގައި މިހާރު ވެސް ގިނަ ބަޔަކު ތިބި ކަމަށް މިނިސްޓްރީން ވަނީ އަންދާޒާ ކޮށްފައެވެ. އެހެން ކަމުން ޝަހީދުވި މީހުންގެ އަދަދާއި ޒަހަމްވެފައިވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިނިސްޓްރީން ހާމަ ކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް ނިރުބަވެރިން ވަނީ ޣައްޒާގެ 128 މީހަކު ޝަހީދު ކޮށްލާފައެވެ. އަދި ހަމަ އެވަގުތުގައި 261 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ ހަމާސް ޖަމާއަތަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް ނިރުބަވެރިން ބުނި ނަމަވެސް މި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ ގިނަ މީހުންނަކީ ޣައްޒާގެ ކުދަކުދިންނާއި އަންހެނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދް

    "ވާ މުޢްތަޞިމާ!'' މިހެން އަންހެނަކު ގޮވާލުމުން އޭނާގެ އެހީއަށް ލަޝްކަރެއް ހަނގުރާމައަށް ނުކުތް! މިއަދު އުއްމަތުގައި ވެރިއެއް ނެތް އެހީއަށް އެދިގޮވާނެ!