2020 ވަނަ އަހަރު އަވަހާރަކޮށްލި އީރާނުގެ އެންމެ އިސް ކޮމާންޑަރު އަވަހާރަވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ކުރިއަށް ދަނިކޮށް އީރާނުގެ ގަބުރުސްތާނެއްގައި އެއްޗެއް ގޮއްވާލައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީ ވަޅުލާފައިވާ ކެރްމަން ސިޓީގެ ގަބުރުސްތާނެއްގައި ދެ ބޮމެއް ވަނީ ގޮއްވާލާފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެތައް ސަތޭކަ ބަޔަކު ވަނީ އެ ހަރަކާތަަށް އެ ސަރަަހައްދަށް ޖަމާވެފައެވެ.

މި ހާދިސާގައި ޝަހީދުވި މީހުންގެ އަދަދާ މެދު ހިޔާލު ތަފާތުވެ ވާހަކަދެކެވެމުން ދެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 103 މީހަކު މި ހާދިސާގައި ވަނީ ޝަހީދުވެފައެވެ.

އަދި 141 މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފައެވެ.

ޒަހަމްވި މީހުން މިހާރު ވަނީ ރަސޫލާ އައްޒަމް، ބަހޯނާރު، ޝަފާ އަދި އަފްޒަލީޕޫރު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އީރާނުގެ އޮފިޝަލަކު އެ ބޮމުގެ ހަމަލާތައް ސިފަކުރެއްވީ "ނިރުބަވެރި ހަމަލާތަކެއް" ގެ ގޮތުގައި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ އިރު، އެ ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ތަފްސީލެއް ނޭނގެއެވެ.

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން ހަމަލާތައް ދިން ކަމުގެ ތުހުމަތު އިސްރާއީލުން މީގެ ކުރިން ވެސް ކޮށްފައިވާއިރު، އައިއެސް ފަދަ ސުންނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ވަނީ ޝިއާގެ އަޣުލަބިއްޔަތު އޮންނަ އެ ގައުމުގައި އާންމުންގެ އަމާޒުތަކަށް ބޮމުގެ ހަމަލާތަކެއް ދީފައެވެ.

މިއަދު ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

ކުރިން އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލްގެ މަގާމުގައި ހުންނެވި ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ 2020 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީއާ ބައްދަލުކުރެއްވުމަށް އިރާގަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

ސުލައިމާނީގެ ޖަނާޒާއަށް މިލިއަނަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ، ހަމަނުޖެހުން ހިންގައި 56 މީހުން ވަނީ ޝަހީދުވެފައެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގައި މަސައްކަތް ކުރައްވާފައިވާ ސުލައިމާނީ ވަނީ އެ ގައުމުގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ.

އޭނާ އަކީ އީރާނުން ބޭރުގައި ޖާސޫސްކުރުމާއި އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ޒިންމާ އަދާކުރާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ޕޮލިސްގެ ޑިވިޝަނެއް ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރެވެ.