ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބާލަން ޖެހޭ ކަމަށް ބުނެ އިސްރާއީލުގެ މިނިސްޓަރުން ދެއްކި ވާހަކަތަކާއި މެދު އެމެރިކާއިން ނުރުހުން ފާޅުކޮށްފިއެވެ.

އެމެރިކާގެ ފާޑުކިޔުން އަމާޒުވެފައި ވަނީ އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗަށާއި ގައުމީ ސަލާމަތާއި ބެހޭ މިނިސްޓަރު އިތަމާރް ބެން ގްވީރް އަށެވެ.

"ސަހަރާ އަލުން އާބާދު ކުރެވޭނެ" އިސްރާއީލުގެ ރައްޔިތުންނަށް ޣައްޒާ ހަވާލު ކުރުމަށްފަހު ފަލަސްތީނުގެ ރައްޔިތުން ޣައްޒާ ދޫކޮށް ދިއުމަށް ސްމޮޓްރިޗް ވަނީ ގޮވާލާފައެވެ.

ޣައްޒާގައި ކުރަން ޖެހޭ ކަމަކީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ފައިބަން ހިތްވަރު ދިނުން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ހަނގުރާމައަށްފަހު 2.3 މިލިއަން މީހުންގެ ބަދަލުގައި އެއްލައްކަ ނުވަތަ ދެ ލައްކަ މީހުން ތިބި ނަމަ އިސްރާއީލު ރައްޔިތުން ޣައްޒާ އާބާދު ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބެން ގްވީރުވެސް ވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ފައިބަން ހިތްވަރު ދޭން ޖެހޭ ކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ މިއީ ޣައްޒާގެ ރައްޔިތުން ދުނިޔޭގެ އެހެން ގައުމުތަކަށް ހިޖުރަ ކުރަން ހިތްވަރު ދިނުމަށް ޕްރޮޖެކްޓެއް ފަށަން ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިސްރާއީލުގެ މިނިސްޓަރުންގެ މި ވާހަކަތަކަކީ ހަރުކަށި އަދި ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް އެމެެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލައިގެން ނުވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު މެތިއު މިލަ ވަނީ ބުނެފައެވެ.

ޣައްޒާ އަކީ ފަލަސްތީނުގެ ބިމެއް ކަމަށާއި ޣައްޒާ އޮންނާނީވެސް ފަލަސްތީނުގެ ބިމެއްގެ ގޮތުގައި ކަމަށް އެމެރިކާއިން ދެކޭ ކަމަށާއި ނަމަވެސް ފަލަސްތީނުގެ މުސްތަގުބަލު ކޮންޓްރޯލު ކުރަން ހަމާސް ނޯންނަން އަދި އިސްރާއީލަށް ނުރައްކާ ކުރާނެ އެހެން ޖަމާއަތްތައްވެސް ނޯންނަން އެމެރިކާ އިން ބޭނުންވާ ކަމަށްވެެސް އެމެރިކާއިން ބުނެފައި ވެއެވެ.

އެމެރިކާގެ ވާހަކަތަކަށް ނުރުހުންވެ ބެން ގްވީރް ވަނީ އެމެރިކާއަށް ރައްދު ދީފައެވެ.

އެމެރިކާ އަަކީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި ނަމަވެސް އިސްރާއީލުން އަމަލު ކުރާނީ އިސްރާއީލަށް އެންމެ ރަނގަޅު ގޮތަށް ކަމަށް އޭނާ ބުނެފައިވެއެވެ. ޣައްޒާއިން އެތައް ސަތޭކަ ހާސް މީހުން ހިޖުރަ ކުރުމުން ޣައްޒާގެ ވަށައިގެން އުޅޭ ޔަހޫދީންނަށް އެނބުރި "އެމީހުންގެ ގެއަށް" އާދެވި ރައްކާތެރިކަމާއި އެކު ދިރި އުޅެވޭނެ ކަމަށާއި، އިސްރާއީލުގެ ސިފައިންނަށްވެސް ރައްކާތެރިކަން ލިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    އޭ މިހިރަ މަލްއޫނާ. އިސްލާމީ ތާރީޚުން ފަލަސްޠީން ބިމަކީ ކޮންބައެއްގެ ބިމެއްކަން އެނގޭނެ. އެނގިތިބެވެސް އެހެން މީހުން މަގުފުރައްދަން މި ޔަހޫދީން އުޅެނީ. ހަލާކުހުރި

    14
  2. Anonymous

    ކަލޭ ތިހެން ނުބުންޏަސް އެވަރު އިނގެޔޭ.

    8
    1
  3. ޙެކް

    މިއޮށް 21 ވަނަ ގަރުބުގަވެސް ގާބިލުކަމަށް ދައުވާކުރާ ބަޔަކު ދަށްކާ ސޭކު ވާހަކަދޯ.. ބޮލް ހަލާކު!!