ޗައިނާގެ ރިސާޗް އުޅަނދުތައް ސްރީލަންކާގެ އެއްވެސް ބަނދަރަކަށް ނުވަތަ އިގްތިސާދީ ހާއްސަ ސަރަހައްދަށް ވަނުމުގެ ހުއްދަ އެއް އަހަރު ދުވަހަށް ނުދޭނެ ކަމަށް އެ ގައުމުން އިންޑިއާއަށް އަންގާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

އިންޑިއާގެ ނޫޙެއް ކަމަށްވާ "ދަ ހިންދޫ" އިން ބުނީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް، ޖުލައި 21، 2023 ގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމުގައި ލަންކާއިން ޔަގީންކަން ދިން ކަމަށެވެ.

ޗައިނާގެ "ޝިއަންގް ޔަންގް ހޮންގް 3" އިން އިންޑިއާ ކަނޑުގައި ދިރާސާއެއް ކުރާ ގޮތަށް ނިންމާފައި ވަނީ މާދަމާ އިން ފެށިގެންނެވެ. އަދި އެ ދިރާސާ މި އަހަރުގެ މެއި މަހުގެ ނިޔަލަށް ދިރާސާ ކުރަން ރޭވިފައިވާ ކަމަށްވެއެވެ. އެކަމަކު، އެކަން ކުރުމުގެ ހުއްދަ ލަންކާ އިން ޗައިނާ އަށް ދީފައި ނުވެއެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޗައިނާ އިން ވަނީ އެ ސާވޭ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހުއްދައަކަށް ވެސް އެދިފައެވެ.

އެކަމަކު، 4.600 ޓަނުގެ އެ އުޅަނދަށް ހުއްދަ ދިން ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

މީގެ ކުރިން ޗައިނާގެ ހައިޑްރޮގްރެފިކް ސާވޭކުރާ އުޅަނދަކަށް ލަންކާ އިން ހުއްދަ ދިނުމުން އެކަމާ އިންޑިއާ ވަރަށް ބޮޑަށް ނުރުހުނެވެ. އެ އުޅަނދަކީ ބެލިސްޓިކް މިސައިލް ވެސް ޓްރެކްކުރުމުގެ ގާބިލްކަން ލިިބިފައިވާ އުޅަނދެކެވެ. މި އުޅަނދުގައި ސްޕޭސް ޓްރެކިންގެ ޒަމާނީ ވަސީލަތްތައް ގާއިމު ކުރި އިރު، އިންޑިއާ އިން ވަނީ މި އުޅަނދަކީ ޖާސޫސް ކުރާ އުޅަނދެއް ކަމަށް ބުނެފައެވެ.

އިންޑިއާ އިން އެ ފަހަރު ކަންބޮޑުވީ އިންޑިއާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތައް ހުރި ތަންތަން ދެނެގަތުމަށް މަސައްކަތް ކޮށްފާނެތީއެވެ. އެކަމަކު، ޗައިނާ އިން މީގެކުރިން ބުނެފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފު އަމަލެއް އެ ގައުމުން ނުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    އެމެރިކާ ދިދަ ފެންނަނީ!