ނިރުބަވެރި އިސްރާއީލުން ޣައްޒާ އާއިލާއެއްގެ 14 މީހަކު ޝަހީދު ކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނީ ނިރުބަވެރި އިސްރާއީލުން އެ އާއިލާގެ 14 މީހަކު ޝަހީދު ކޮށްލާފައިވަނީ އެމީހުން ދިރިއުޅޭ އިމާރާތައް ރޭގެ ވަގުތެއްގައި ބޮމުގެ ހަމަލާތަކެއް ދީގެން ކަމަށެވެ.

އެއިމާރާތަށް ބޮމުގެ ހަމަލާދީ އެއާއިލާގެ 14 މީހަކު ޝަހީދު ކޮށްލާފައިވާއިރު، ޣައްޒާގެ އެކި ހިސާބުތަކުން ހާލުގައި ޖެހިފައިވާ މީހުން ވެސް އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިން ރޭ ވެސް ޣައްޒާގެ އެކި ހިސާބުތަކަށް ރެއިޑްކޮށް ހަމަލާތަކެއް ދީފައިވާއިރު، ރޭގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ޖުމްލަ އަދަދެއް އަދި އެނގިފައެއް ނުވެއެވެ.

ހަމާސް ޖަމާއަތާއި ދެކޮޅަށް ކަމަށް ބުނެ ނިރުބަވެރިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 22،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހަމަ މި ހަމަލާތަކުގައި 55،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

ނިރުބަވެރި އިސްރާއީލާއި ޣައްޒާއާއި ދެމެދު މިހާރު ކުރެވެމުން އަންނަ ހަމަލާބަދަލުކުރުންތަކަކީ ނިރުބަވެރިންގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ދިން ހަމަލާތަކާއި ގުޅިގެން ކުރެވެމުން އަންނަ ހަމަލާބަދަލުކުރުންތަކެކެވެ.