އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާގެ ރަފާހް ސިޓީގެ ގެއަކަށް ހަމަލާދީ އާއިލާއެއް އެކީ ޝަހީދުކޮށްލައިފިއެވެ.

ރަފަހަކީ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅިނަމަވެސް، އެސަރަޙައްދަށް ހަމަލާތައް ދެމުންދާ ކަމަަށް އަލްޖަޒީރާއިން ބުނެއެވެ.

އަދި ރަފާ ސިޓީއަށް ދިން ހަމަލާތަކަކީ ޣައްޒާގެ އުތުރުގައި ދިން ހަމަލާތަކާ އެއްގޮތް ހަމަލާތަކެއް ކަމަަށްވެސް ބުނެފައި ވެއެވެ.

މިގޮތުން ރޭ ރަފާހް ސިޓީގެ އިރުއުތުރުގައި ހުރި ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މުޅި އާއިލާއެއް އެކީ ވަނީ ޝަހީދުކޮށްލައިފައެވެ.

ޣައްޒާއިން ރެއާ ހަމައަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 22،313 އަށް އަރާފައެވެ.

މިހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 57،296 ގައި އުޅޭއިރު، ސުންނާފަތިވެފައިވާ އިމާރާތްތައް ދަށުގައި މިހާރު ވެސް ގިނަ ބަޔަކު ތިބި ކަމަށް މިނިސްޓްރީން ވަނީ އަންދާޒާ ކޮށްފައެވެ. އަދި 7،000 އެއްހާ މީހުން ގެއްލިފައިވާ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

އެހެންކަމުން ޝަހީދުވި މީހުންގެ އަދަދާއި ޒަހަމްވެފައިވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި 57،614 މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ ހަމާސް ޖަމާއަތަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް ނިރުބަވެރިން ބުނި ނަމަވެސް މި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ ގިނަ މީހުންނަކީ ޣައްޒާގެ ކުދަކުދިންނާއި އަންހެނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.