ފިލިޕީންސް އާއި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރީ 2 އުޅަނދަކުން ފާރަލައި ދިމާކޮށްލައިފި ކަމަށް ފިލިޕީންސްގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ފިލިޕީންސް ގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި މި ހާދިސާ ހިނގީ ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސް އާއި އެމެރިކާ ގެ އަސްކަރިއްޔާ ގުޅިގެން ހިންގި އަސްކަރީ ތަމްރީން ހަރަކާތެއްގެ ތެރެއިންނެވެ.

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައިގައި ޗައިނާ އާއި އަވައްޓެރި ގައުމުތަކާއި ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައެވެ.

ދެކުނު ޗައިނާ ކަނޑުން ވަރަށް ގިނަ އަދަދަކަށް ތެލާއި ގުދުރަތީ ގޭސް ފެނުމުގެ ސަބަބުން ޗައިނާ އިން ވަނީ މުޅި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމަށް ދައުވާ ކޮށް އެ ސަރަހައްދުގައި ފަޅުތައް ހިއްކައިގެން ޗައިނާގެ އަސްކަރީ މަރުކަޒުތައް ހަދާފައެވެ. މި މަރުކަޒުތައް ހެދުމުގެ މައިގަނޑު މަގުސަދަކީ ޗައިނާގެ އަސްކަރީ ބާރު އަވައްޓެރި ގައުމުތަކަށް ދައްކައި އެ ގައުމުތައް ބިރު ގެންނެވުމެވެ.

ޗައިނާ އިން ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގައި ދެކުނު ޗައިނާ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ފިލިޕީންސްގެ އަސްކަރީ އުޅަނދުތަކަށް ބިރު ދައްކާ އެ ސަރަހައްދުން ފައްސާލާފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ފުރިހަމަ މިލްކުވެރިކަމަށް ޗައިނާ އިން ކުރާ ދައުވާ އަށް އެ ސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ ޕިލިޕީންސް، ޖަޕާން، ދެކުނު ކޮރެއާ، އިންޑޮނޭޝިއާ އަދި މެލޭޝިޔާ ފަދަ ގައުމުތަކުން ވަރަށް ފާޅުގައި އިންކާރު ކުރެއެވެ. ނަމަވެސް ޗައިނާ އިން މިއިން އެއްވެސް ގައުމަކާއި މަޝްވަރާ ކުރަން ވެސް ބޭނުމެއް ނުވެއެވެ. މި ސަބަބަށް ޓަކައި ބައެއް ގައުމުތަކުން ވަނީ އެމެރިކާގެ އަސްކަރީ އެހީތެރިކަމަށްވެސް އެދިފައެވެ.

އެމެރިކާ އާއި ގުޅިގެން ފިލިޕީންސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތައް ފެށުމުގެ ކުރިން ވެސް ޗައިނާ އިން ވަނީ ފިލިޕީންސް އަށް އިންޒާރު ދީފައެވެ. އެގޮތުން ދެކުނު ޗައިނާ ކަނޑުގައި ކުރެވޭ ކުޑަ ކުޑަ މޮޔަކަމެއްގެ ނަތީޖާ ވަރަށް ހިތިވެދާނެކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ. ޗައިނާ އިން އެ އިޝާރާތް ކުރަނީ ފިލިޕީންސް އިން އެމީހުންގެ ކަނޑުގެ ސަރަހައްދުން ބޭރު ނުވުމަށެވެ.