އިންޑިއާއިން އިތުރު 700 އަށްވުރެ ގިނަ ކޮވިޑް-19 އަށް ފައްސިވިއިރު، އިތުރު 12 މީހަކު މަރުވެއްޖެއެވެ.

ޔޫނިއަން ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންޑިއާއިން މިއަދު 761 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު 12 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

އެންމެ ފަހުެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ފައްސިވެގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އިއްޔެ 4،423 އިން 4،334 އަށް ވަނީ ދަށްވެފައެވެ.

އިންޑިއާގެ ކޮވިޑް ހާލަތަށް ބަލާއިރު، އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ ކެރެލާއިންނެވެ. އެ ސްޓޭޓް އިން އެކަނި ކޮވިޑް ޖެހިފައި 1،249 މީހުން ތިބިކަަމަށް ދައްކާއިރު، ކަރްނާޓަކާއިން 1240 މީހުން، މަހާރާޝްތުރާއިން 914، ޓެމިލް ނާޑޫއިން 190 މީހުން އަދި ޗައްތިސްގަރް އަދި އަންދްރަ ޕްރަދޭޝްއިން 128 މީހަކު ވަނީ ބައްޔަށް ފައްސިވެގެން ފަރުވާ ހޯދަމުން ދެއެވެ.

އެ ގައުމުގައި ކޮވިޑް ބަލީގައި އަލަށް މަރުވި 12 މީހުންގެ ތެރޭގައި ހިމެނެނީ ކެރެލާއިން ފަސް މީހަކާއި ކަރްނާޓަކާއިން ހަތަރު މީހަކާއި މަހާރަޝްތުރާއިން ދެ މީހެއްގެ އިތުރުން އުއްތަރަ ޕްރަދޭޝްއިން އެކަކެވެ.

ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު ޑަބަލް ޑިޖިޓްގައި ހުރި ނަމަވެސް ފިނި މޫސުމުގައި އަދި ކޮވިޑްގެ އާ ވޭރިއަންޓެއް ފެނުމާ އެކު އަނެއްކާވެސް ވޭދަނަތައް އެ ގައުމުގައި އިތުރުވާން ވަނީ ފަށައިފައެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ފެށުނު މި އާލަމީ ވަބާގެ އެންމެ ނުރައްކާ ދުވަސްވަރު ދުވާލެއްގެ މައްޗަށް އެ ގައުމުގައި މި އަދަދު ހުރީ ލައްކައިން މަތީގައެވެ. ހަތަރު އަހަރުގެ ތެރޭގައި 4.5 ކްރޯޑަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، 5.3 ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.