އިންޑޮނޭޝިއާގެ ހުޅަނގު ޖާވާ ޕްރޮވިންސްގައި ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހުން މަރުވެ 28 މީހުން ޒަހަމްވެއްޖެއެވެ.

މިއަދު އިމަޖެންސީ ކްރޫން މަސައްކަތް ކުރަމުން ދިޔައީ ރޭލުގެ ބައިތައް ވެއްޓުނު ހާދިސާގައި ތާށިވެފައި ތިބި އިތުރު ދެ މީހަކު ސަލާމަތް ކުރެވޭތޯއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާނު އަދިތާ އިރާވަތީ ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސުރަބަޔާއިން ފުރައިގެން ދިޔަ ދިގު ރާސްތާ ރޭލެއް ޕްރޮވިންސްގެ ވެރިރަށް ބަންޑުންގް ކައިރީގައި ކޮމިއުޓާ ރޭލެއްގައި ޖެހިގެން ކަމަށެވެ.

ލޯކަލް ބްރޯޑްކާސްޓަރުން ކަމަށްވާ މެޓްރޯޓީވީ އާއި ކޮމްޕާސް ޓީވީގެ ވީޑިއޯ ފޮޓޯތަކުން ފެންނަ ގޮތުގައި ރޭލުގެ ބައިތަކުގެ ތެރެއިން ނެރުމަށް ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ތަނެވެ. އޭގެ ތެރެއިން ބައެއް މީހުން ރޭލުން ނުކުމެވުނީ އިރުއޮއްސުނު ފަހުންނެވެ.

ވެސްޓް ޖާވާ ފުލުހުންގެ ރީޖަނަލް ސްޕޯކްސްޕާސަން އިބްރާހިމް ޓޮމްޕޯ ވިދާޅުވީ މަރުވި ތިން މީހުންނަކީ ރޭލުގެ މުވައްޒަފުން ކަމަށާއި އެއީ ކޮމިއުޓާ ރޭލުގައި ޑްރައިވަރާއި އޭނާގެ އެސިސްޓެންޓް އަދި އެކްސްޕްރެސް ރޭލުގައި ސްޓެވާޑެއް ކަމަށެވެ.

މި އެކްސިޑެންޓް ހިނގިއިރު ރޭލުތަކުގައި 478 ފަސިންޖަރުން ތިއްބެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވި ނަމަވެސް، ޓްރާންސްޕޯޓް ސޭފްޓީ އޮފިޝަލުންނާ އެކު ރޭލު އޮޕަރޭޓަރު ޕީޓީ ކޭއޭއައި އާއި ޕްރޮވިންސް ސަރުކާރުން ވަނީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ.