ރަޝިއާއިން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލުތައް ބޭނުން ކުރާ ކަމަށާއި އަދި ރަޝިއާއިން އިރާނުން ކައިރި ރާސްތާ ބެލިސްޓިކް މިސައިލު ހޯދަން އުޅޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ވައިޓްހައުސްގެ ގައުމީ ސަލާމަތީ މަޖިލީހުގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެފައިވަނީ އުތުރު ކޮރެއާ އިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދީފައިވާ ކަމަށާއި، އޭގެ ތެރެއިން މަދުވެގެން އެއް މިސައިލު މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ޔުކްރޭނަށް ފޮނުވާލާފައިވާ ކަމަށް މިފަހުން ހޯދި އިންޓެލިޖެންސް މައުލޫމާތު ތަކުން އެނގިފައިވާ ކަމަށެވެ.

އަދި މިދިޔަ އަންގާރަ ދުވަހު ރަޝިއާއިން ޔުކްރޭނަށް ދިން ހަމަލާ ތަކުގައިވެސް އުތުރު ކޮރެއާގެ ގިނަ މިސައިލުތަކެއް ބޭނުންކޮށްފައިވާ ކަމަށް ކާބީ ވިދާޅުވިއެވެ.

އޭގެ އިތުރުން ކާބީ ވިދާޅުވީ ރަޝިއާ އާއި އިރާނުގެ ޑީލް އަދި ފުރިހަމަނުވާ ކަމަށާއި، ނަމަވެސް އިރާނުން ކައިރި ރާސްތާ މިސައިލު ހޯދަން ރަޝިއާ އިން ކުރަމުންދާ މަޝްވަރާތައް ކުރިއަށް ޖެހިލާފައިވާތީ އެމެރިކާއިން ކަންބޮޑުވެފައިވާ ކަމަށެވެ.

އަދި އުތުރު ކޮރެއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފޫއަޅުވާލާފައިވާ ކަމަށާއި އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުން އެ މައްސަލަ އދ ގެ ސަލާމަތީ މަޖިލީހަށް ހުށައަޅާނެ ކަމަށްވެސް ކާބީ ވިދާޅުވިއެވެ.

އުތުރު ކޮރެއާއިން 1000 ކޮންޓެއިނަރަށްވުރެ ގިނަ އަސްކަރީ އާލާތާއި ހަތިޔާރު ރަޝިއާއަށް ފޮނުވާފައިވާ ކަމަށް މިދިޔަ އޮކްޓޯބަރު މަހުވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

ރަޝިއާއިން މިފަހުން ޔުކްރޭނަށް ދިން ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލު ބޭނުންކުރުން ކުށްވެރިކޮށް، އިނގިރޭސިވިލާތުންވެސް ވަނީ ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން އުތުރު ކޮރެއާއަށް ގޮވާލާފައެވެ.

ކަންމިހެން އޮތް އިރު ޔުކްރޭނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ.

ނިއުކްލިއަރ ހަތިޔާރު އުފައްދާ ކަމަށާއި އިންސާނީ ހައްގުތަކަށް އިހުތިރާމު ނުކުރާ ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެގެން ބައިނަލްއަގުވާމީ ސްޓޭޖުގައި އިރާނާއި އުތުރު ކޮރެއާ އޮންނަނީ އެކަހެރި ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެސްޓޯ

    ދެން ކީތް؟ ކަލޭމެންގެ ހަތިޔާރު އިޒުރޭލާ ޔުކްރޭން ބޭނުންކުރެ. ތީ ބޭކާރު ވާހަކަދައްކާ ބޭކާރު ބައެއްކަން މުޅި ދުނިޔެއަށް ފަލީހަތް ވެއްޖެ. ކަލޭމެން ދައްކާ އެއްވެސް ވާހަކައަކަށް ދެން ސަމާލުކަން ދޭނީ ފައްކާ ހާއިނެއް، ގައްދާރެއް.

    12