އުތުރު ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް އިތުރު ހިތްދަތިކަމެއް ލިބިއްޖެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިސްރާއީލުގެ ހަމަލާތަކުގައި މިހާރުވެސް ސުންނާފަތި ވެފައިވާ އުތުރު ޣައްޒާގެ ރެފިއުޖީ ކޭމްޕުތައް ވަނީ ފެންބޮޑުވެ ނަޖިހުން ތަތްތެޅިފައެވެ.

”ޣައްޒާގައި ކުރެވެމުންދާ ހަނގުރާމަޔާއި ޣައްޒާ ބަންދު ކޮށްފައި އޮތް އޮތުން ވަރުގަދަ ކޮށްފައި ވާއިރު، މިތަނުގެ އާންމުންނަށް މި ވަނީ އިތުރު ދަތި ތަކަކާއި ކުރިމަތިލާން ޖެހިފައި.” ޖަބާލިއާ ރެފިއުޖީ ކޭމްޕުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް ޝަރީފް ބުނެފައި ވެއެވެ.

”ވާރޭ ވެހެމުންދާ އިރު، އިސްރާއީލުގެ ސިފައިން މުނިސިޕަލްޓީތަކުގެ އުޅަނދުތައް ހަލާކު ކުރަމުން ދާތީ އެމީހުންނަށް މަސައްކަތެއް ނުކުރެވޭ.” އަނަސް ބުނެފައި ވެއެވެ.

”އަހަރެމެން ހަނގުރާމަ ދޫކޮށްލީ، އެކަމަކު މިތަނުގައި އަހަރެމެން މި ކުރިމަތިލަނީ އެހެން ހަނގުރާމައަކާ. ނަރުދަމާގެ ފެންތައް ލީކުވެ ކްލާސްރޫމްތައް ވަނީ ފެންބޮޑުވެފައި. އަހަރެމެންގެ ދަރިން މި ދަނީ ބަލިތަކާއި ބޭރަށް ހިންގުމާއި ހަނގުރާމަ ކުރަމުން. އަހަރެމެން މި ތިބީ ބަލިވެފައި. މިއީ އަހަރެމެން ދިރިއުޅެމުން މިދާ ހާލަތަކީ.” ޖަބާލިއާގައި ދިރިއުޅެމުންދާ މީހަކު ބުނެފައި ވެއެވެ.

އޭގެ އިތުރުން ފިނިމޫސުން އައިސްފައިވާ އިރު ޣައްޒާގެ ރައްޔިތުން ތިބީ ވަރަށް ދަތި ހާލެއްގައެވެ. ޣައްޒާގެ 90 އިންސައްތަ މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައި ވާ އިރު، ގިނަ މީހުން ދިޔައީ މަދު އެތިކޮޅެއް ހިފައިގެންނެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ގެދޮރު ސުންނާފަތިވީ މީހުންވެސް ތިބީ ދަތި ހާލެއްގައެވެ.

ޣައްޒާގެ ރައްޔިތުން ތިބީ ފިނިމޫސުމަށް ތައްޔާރުވެފައެއް ނޫނެވެ. ފިނިމޫސުމަށް އެކަށީގެންވާ އަންނައުނު ނެތް އިރު، ފިނިން ސަލާމަތް ވާން ގައިގައި އޮޅާލާނެ ރަޖައެއްވެސް އެމީހުންގެ އަތުގައި ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. !!!

    މިވަރަށް ގުނޫތު ކިޔަކިޔަތިއްބާ!

  2. ޢަހުމަދުވަގާރު

    ތީ ކޯފާ

  3. ޢަހުމަދުވަގާރު

    ކޯފާ