ވައިގެ އަސްކަރިއްޔާ ގައި ހަރަކާތްތެރިވާ ޔޫކުރޭނުގެ ފަންނާނުން ތަކެއް ރަޝިއާގެ ވައިގެ އަސްކަރިއްޔާގެ އެންމެ އަގުބޮޑު އެއް ޖެޓް ކަމަށްވާ އެސްޔޫ-30 މަރުކާގެ ބޯޓެއް ހަލާކު ކޮށްލައި އޭގެން ތަޅުދަނޑިފޫ ތަކެއް ހަދައިފިއެވެ.

ޔޫކުރޭނަށް ނިސްބަތްވާ މި ގުރޫޕުން ދަނީ ހަަނގުރާމައިގައި ޔޫކުރޭނު ސިފައިން ހަލާކު ކޮށްލާ ރަޝިއާގެ އަސްކަރީ އުޅަނދުތަކާއި ހަތިޔާރު ތައް ރޫޅާލައި، އެ ތަކެތިން ހުނަރުވެރިކަމާއެކު އެކިއެކި ސާމާނު ހަދައި، އެ ތަކެތި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކަމުންނެވެ.

އެ ތަކެތީގެ ތެރެއިން އެންމެ މަގުބޫލުކަމާއި އެކު ވިކެނީ ރަޝިއާގެ ހަތިޔާރާއި އުޅަނދުތަކުން ހަދާފައިވާ ކީޗެއިން ތަކެވެ. އެ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީ މި ގުރޫޕުން ހަދިޔާ ކުރަނީ ޔޫކުރޭނުގެ ދިފާއީ ބާރުތަކަށް ބޭނުންވާ އެކި ސާމާނު ގަތުމަށް ޓަކައި އެ ގައުމުގެ އަސްކަރިއްޔާ އަށެވެ.

އެ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީ ދިފާއީ ބާރުތަކަށް ހަދިޔާކުރާތީ، ޔޫރަޕާއި ދެކުނު އެމެރިކާގެ ގައުމުތަކުން ދަނީ މި ތަކެތި ބޮޑެތި ނިސްބަތުން ގަންނަމުންނެވެ.

ރަޝިއާ އާއި ޔޫކުރޭނާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ޔޫކުރޭނަށް ތާއީދުކުރާ ގިނަ ގައުމުތައް ނިސްބަތް ވަނީ މި ދެ ބައްރަށް ކަމަށް ވުމުން، މި ދެ ބައްރުގައި މި ތަކެތީގެ ވިޔަފާރި ރަނގަޅުވަނީ ކަމަށް ވުން އެކަށީގެންވެއެވެ.

އެސްޔޫ-30 އަކީ ރަޝިއާގެ ވައިގެ އަސްކަރިއްޔާގެ ފަހުރާއި ޝަރަފެވެ. އެއީ އެގައުމުގެ ވައިގެ އަސްކަރިއްޔާ އަށް އެހާ ވެސް މުހިއްމު އުޅަނދެކެވެ.

ވައިގެ ތެރޭގައި ދުވެލި ބާރުވުމުގެ ސަބަބުންނާއި، ފަސޭހައިން އޭގެ މިސްރާބް ބަދަލުކުރުމުގެ ކުޅަދާނަ ކަން އެ ޖެޓަށް ލިބިފައިވާތީ އެއީ އެމެރިކާގެ މޮޅެތި ޖެޓް ތައް ވެސް ބަލިކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ޖެޓެކެވެ.

އަދި ޔޫކުރޭނަށް އެންމެ ފުރަތަމަ ހަމަލާތައް ދޭން ފެށުމުގެ ކުރިން ޔޫކުރޭނުގެ ވައިގެ އަސްކަރިއްޔާ ހަލާކު ކޮށްލުމަށްްޓަކައި، ޔޫކުރޭނުގެ ވައިގެ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ވެސް ރަޝިއާ އިން ބޭނުން ކުރީ އެސްޔޫ-30 ގެ ފައިޓާ ޖެޓް ތަކެވެ.

މިހާ މުހިންމު ޖެޓްތަކަކުން ތަޅުދަނޑިލާ އެއްޗެހި ހަދައި ވިއްކުމަކީ ރަޝިއާ އަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.