އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ އިސްވެ އޮންނަ ބައިނަލް އަގުވާމީ ކޯލިޝަން އެގައުމުން ބޭލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިރާގުގެ ބޮޑު ވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީގެ އޮފީހުން މިއަދު ބުނެފިއެވެ.

2014 ވަނަ އަހަރު ބަލި ކުރެވުނު އިސްލާމިކް ސްޓޭޓް (އައިއެސް) އެނބުރި އައުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ އެގައުމުތަކުގެ ސިފައިންނަށް އެހީތެރިވުމަށާއި އިރުޝާދު ދިނުމަށް ކަމަށް ބުނެ އެމެރިކާ އިން ސީރިއާގައި 900 ސިފައިން، އަދި އިރާގުގައި 2،500 ސިފައިން ގާއިމު ކޮށްފައި ތިބެއެވެ.

ސޫދާނީ މިފަދަ ބަޔާނެއް ނެރުއްވާފައި މި ވަނީ އިއްޔެ އިރާގުގައި އެމެރިކާއިން ދިން ހަމަލާއެއްގައި އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރަކު މަރާލާފައިވަނިކޮށެވެ. އެ ހަމަލާ އާއި ގުޅިގެން އިރާނުން ވާގިވެރިވާ ޖަމާއަތްތަކުން ވަނީ ނުރުހުން ފާޅުކޮށް، އިރާގުގައި ތިބި އެމެރިކާ އާއި އެ ކޯލިޝަންގެ ސިފައިން ބޭލުމަށް ސަރުކާރަށް ގޮވާލާފައެވެ.

“އިރާގުގައި ބައިނަލްއަގުވާމީ ސިފައިން ތިބި ތިބުން ދާއިމީ ކޮށް ނިންމާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކޮމިޓީއެއް އުފައްދާ މަސައްކަތްތައް ފެށުމަށް ސަރުކާރުން މިދަނީ ތާރީހެއް ކަނޑައަޅަން މަސައްކަތް ކުރަމުން.” ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ކޮމިޓީގައި އެ އަސްކަރީ ކޯލިޝަން ތަމްސީލު ކުރާނެ ފަރާތްތައްވެސް ހިމެނޭނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އިއްޔެ ހަމަލާދީފައިވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް މިފަހުން ދެވުނު ހަމަލާތަކުގެ ރައްދުގައި ކަމަސް އެމެރިކާގެ އަސްކަރީ މައި އިދާރާ ޕެންޓަގަން އިން ވަނީ ބުނެފައެވެ.

އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކުގައި އެމެރިކާއިންވެސް ޒިންމާ ވެއެވެ.