ނިރުބަރި އިސްރާއީލުން ފާއިތުވި 24 ގަޑިއިރު ޣައްޒާއިން 160 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ހަނގުރާމައިގެ ފަހުގެ މައުލޫމާތު އާންމު ކުރަމުން އދ. އިން ބުނީ، އިސްރާއީލުން ކަނޑުމަގުން، އެއްގަމު މަގުން އަދި ވައިގެ މަގުން ޣައްޒާއަށް ހަމަލާދެމުން އައި ނަމަވެސް ފަލަސްތީނުގެ ހަނގުރާމަވެރިން ދިޔައީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދެމުން ކަމަށެވެ. ނިރުބަވެރިންގެ އެހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ޣައްޒާގެ 160 މީހަކު ޝަހީދުވެފައިވާ ކަމަށް އދ އިން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އިއްޔެ އާއި ބުރާސްފަތި ދުވަހުގެ ހަވީރު ވެސް ނިރުބަވެރިން ވަނީ ފަލަސްތީނުގެ 162 މީހަކު ޝަހީދު ކޮށްލައި 296 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައެވެ.

އެންމެ ފަހުން ނިރުބަވެރިން ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

ނިރުބަވެރިންގެ ހަމަލާތަކުގެ އިތުރުން ވެސް ޣައްޒާގައި ހުންނަ ފެން ރައްކާ ކުރާ ސަރަހައްދަކަށް ގެއްލުންވެ، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ޖެހިފައެވެ.