ފާއިތުވި 24 ގަޑިއިރު ފަލަސްތީނުގެ ޣައްޒާއިން 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ވަނީ 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި އިތުރު 41 މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ވެފައެވެ.

މިއާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 34،654 އަށް އަރާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު 77،908 އަށް ވަނީ އަރާފައެވެ.

ނިރުބަވެރިން ފާއިތުވި 24 ގަޑިއިރު ގިނަ ބަޔަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އެމީހުން ދިރިއުޅެމުން ދިޔަ ސަރަހައްދުތަކަށް ދިން ހަމަލާގައެވެ.

ނިރުބަވެރިންނާއި ޣައްޒާގެ ހަނގުރާމަވެރިންނާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުމަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެވެ.