ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޑޮކްޓަރަކު ޝަހީދުކޮށްލައިފިއެވެ.

މީޑީއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ޝަހީދުކޮށްލާފައިވަނީ ހުޅަނގުއައްސޭރީގެ ސިޓީއެއް ކަމަށްވާ ޖެނިންގެ ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެއް ކަމަށްވާ އޮސައިދް ޖަބަރިން އެވެ.

ނިރުބަވެރި އިސްރާއީލުގެ ސްނައިޕަރުން އޭނާ ޝަހީދު ކޮށްލާފައިވަނީ މިއަދު ހެނދުނު އޭނާ މަސައްކަތަށް ދިޔަ މަގުމަތީގައެވެ.

ނިރުބަވެރިން މިއަދު ފަލަސްތީނުގެ ޑޮކްޓަރަކު ޝަހީދުކޮށްލާފައިވާއިރު، މިއަދު ދިން ހަމަލާއެއްގައި ޣައްޒާގެ ޓިޗަރަކާއި ދަރިވަރަކުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ނިރުބަވެރިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދެމުން އަންނަ ހަމަލާތަކުގައި އިއްޔެއާއި މިއަދުގެ މިހާތަނަށް ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އެގޮތުން މިއަދު ވެސް ޖެނިންގައި 8 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ މި ހަމަލާތަކުގައި ފަލަސްތީނުގެ 35،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 75،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމާއި ގުޅިގެން އެގައުމުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި އިތުރު ބައެއް މީހުން ހައްޔަރު ކުރުމުގެ އަމުރަކަށް ދުނިޔޭގެ ކޯޓުން ވަނީ އެދިފައެވެ.