މޫސުން ގޯސްވެ މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް އަނެއްކާވެސް އޮރެންޖް އިންޒާރު ނެރެފިއެވެ.

މިއީ މި ފަހުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާލެ ސިޓީ ހިމެނޭ ހެން މެދުރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް އޮރެންޖު އިންޒާރު ނެރުނު ތިން ވަނަ ފަހަރެވެ.

އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ހިސާބުތަކަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ (މެޓް)އިން އޮތީ ލަފާ ކޮށްފައެވެ.

އޭގެ ފަހުން އިއްޔެ ހަވީރު 17:30 އިން ފެށިގެން ރޭ 20:30 އާއި ހަމައަށް އޮރެންޖް އިންޒާރު ނެރުނެވެ. މި އިންޒާރު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން މ އަތޮޅަށެވެ. އޭގެ ފަހުން އެ ސަރަހައްދު ހިމެނޭހެން ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ތިން ފަހަރެއްގެ މަތިން ނެރެފައި ވެއެވެ. އަދި އޮރެންޖް އިންޒާރު ވ. އަތޮޅާއި ހަމައަށް ދެވަނަ ފަހަރަށް މިއަދު ހެނދުނު ނެރުނުއިރު، އޮރެންޖް އިންޒާރު ތިން ވަަނަ ފަހަރަށް ދަންމާލާފައި ވަނީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ.

މެޓުން ނެރުނު އިންޒާރުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު