ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި މުހައްމަދު އަލްސަން، ރައްޔިތުންގެ އެދުމުގެ މަތިން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފިއެވެ.

ވިހި ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެންމެ ޒުވާން މެމްބަރު އަލްސަން ސޮއިކުރެއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އޭނާ ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަލްސަން އެންމެ ފަހުން ތިނަދޫ ދެކުނު ދާއިރާ އަށް ދަތުރު ކުރައްވައި އެ ދާއިރާގެ ރައްޔިތުންގެ ހާލު ބެއްލެވި އިރު، ދާއިރާގެ ގިނަ ރައްޔިތުން އެދުނީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ. އެ ދަތުރުގައި ދާއިރާގެ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުންގެ ހާލު އަލްސަން އޮޅުންފިލުއްވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަލްސަން ކާމިޔާބު ކުރެއްވީ 870 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ޝަރީފެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 799 ވޯޓެވެ. ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ޒިފްލީނާ ހަސަނަށް ލިބިވަޑައިގަތީ 519 ވޯޓެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. ސަރުކާރަށް ތާއީދު ކުރާ މާފަންނު އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނާޒިމާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ވެލިދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އައްބާސްގެ ގޮނޑިއާ އެކުގައި ޕީއެންސީ ކޯލިޝަން މެމްބަރުންގެ އަދަދު 70 އަށް އެރިއެވެ.

އޭގެ ފަހުން، މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި 11 ބޭފުޅުންގެ ތެރެއިން އަލްސަން ހިމެނޭ ހެން ނުވަ މެމްބަރުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިއާއެކު، ހަމައެކަނި ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރައިފައެވެ. އަދި ނާޒިމާއި ސިޔާމާއި ގާސިމާއި އައްބާސްގެ ގޮނޑިއާ އެކުގައި ޕީއެންސީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އަދަދު 79 އަށް އަރާނެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މި އިންތިހާބުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބްރާހިމް

    ރައީސް މަނިކުފާނު ކުރަންޖެހޭ މަސައްކަތްތައް ގިނަތިވަނީ، ވައުދުތައް ފުއްދައިނުދީފިނަމަ ދެން އިލްޒާމު ނުދެވޭގޮތްތިވަނީ!

    6
    2
  2. Anonymous

    މަރްޙަބާ އަލްސަން
    ކޮއްކޮ އަނާމީލްވެސް ވަރަށް ރީތިކޮށް ޤުރްއާން ކިޔާވާ ކުދިންކޮޅެއްމީ.
    ސްކޫލް ނިމުން ގެއްލިފައި މިފެނުނީ .
    އުފާވެއްޖެ
    ސިޔާސީ މައިދާނުގައި ކާމިޔާބަށް އެދެން
    ހިތްވަރުގަދަ މަންމަގެ ދަރިފުޅެއް

    5
    1
  3. ޙަސަނާ

    އެދާއިރާގެ މެޖޯރެޓީ މީނާއަކައްނުލިބެ ހިޔެއްނުވެ މުއިއްޒު އާ އަދުރޭ އަކައް ދެވަނަދައުރެއްލިބޭނެ ހެނެއް ...

    1
    8
  4. މުހަންމަދު

    އަލްސަން ތިޔަ ނިންމުމަކީ ސިޔާސީ އަދި އިޖްތިމާއީ ގޮތުން ބެލިޔަސް ރައްޔިތުމީހާ މޫނު މަތީ ޖެހި ތަފާލެއް. މިހެން މިބުނީ އަލްސަންގެ މުޅި ކެންޕެއިން ބިނާކޮށްފަ އޮތީ އަދި ވައުދުވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގަ ހުރެގެން ދާއިރާއިގެން ހެޔޮގޮތުގަ ކުރިޔަށް ދިޔުން ކަމުގައި ވާތީ. މިއީ އަލްސަންގެ ގޯސް ނިންމުމެއް. އެކުވެރީން ނެގި ސިޔާސީ މަންފާއެއްކަން ޔަގީން. ބަލަން ތިބެމާ........

    7
    6
  5. އިބުރޭ

    މޑޕއަށް އެންމެ 12 ގޮނޑި. އަދި ތި 12 މެންބަރުން ތެރެއިން ބަޔަކު ޕނސ އާއި ނުގުޅޭނެ ކަމެއްވެސް ނޭންގެ. މަގޭ ލޮލުން ކަރުނަ އޮހިއްޖެ. މަ މަރުވެދާނެ މިހެން ގިސްލަ ގިސްލާ ހީހީ ގޮސް.

  6. މިގޮތަށް އަޑުއަހާ ރައްޔިތުންގެ...ނުރުހުން ނުހޯދާ..

    މީ މިސަރުކާރުގެ މަވޯޓާ އާއި އޭނަގެ ދަރީންގެ ވާޝަން. .ތި ގޮތައް ކެރަފާ، ކެނެރީ، މައުމޫން،ބުރުމާ،މާރިޔާގެ ފެމިލީ ޔާމީނުގެ ފަރާތުން ޒައިން، މަހޭގެ ފަރާތުން ޅައިބާ، ލދނ ބޯގަންވިލާ، އަނާރާ،ރޮޒޭ މިހެންގޮސް ބޮޑެތި ވިޔަފާރިވެރިންގެ އެންޓައިޓެލްޑް ސްޕޮއިލްޑް ދަރިންނަށް ހުރިހާ ބޮޑުމުސާރައިގެ ވަޒީފާތައް. ނެޕޮޓިޒަމާ ކޮންފްލިކްޓް އޮފް އިންޓްރެސްޓްމީ. މި ސަރުކާރު ގެންނަން އަދުރޭ ކޮއްދިން މަސައްކަތަށް ޝުކުރު ކުރަން ދޭން ރަނގަޅު މަގާމެއް ނޫންމީ. މާރިޔާގެ މަގާމުކަހަލަ ކަމެއްމީ.ބަދަލުދޭން ދުރު ނުކޮށް ކާރީގަ ބަހައްޓާ އެވަރުގެ މުސާރަޔެއްދީފަ. މަޖުލިސްގެ ރައީސްގެ ހައިސިއްޔަތުން ދާންޖެހޭތަންތާ އަންނި ގޮސްކީހާ އެއްޗެހި ބަލާލީމަ އެނގޭނެ އޭނައެކޭ އެއްގޮތަށް އަދުރޭވެސް ކަމަކު ނުދާނެކަން. އަންނިއަށް އިނގިރޭސި އެނގޭތީ އެގޮތުން އޯކޭ. މަތީ މަގާމަކަށް ކަމަކު ނުދޭ. އޮންނަ ސަރުކާރަކާ ދެކޮޅަށް ނޫސްލިޔަން މޮޅީ.އަދުރޭވެސް މޮޅުކަންތަކުގަ ބަހައްޓާ ލަދު އެހެންމީބުން ގަންނަންޖެހޭނީ ނޫނީ.އެންމެ ގާތް އެޑްވައިޒަރަކަށް، ހުރިހާތާކަށް އެކީގެންދާ ބާކީނުކޮށް.
    ނޮޓް މަޖްލިސް.އެ މަގާމު ރަނގަޅީ އިނގިރޭސި ދަންނަ މީހެއް.ފާއިސަލަށް ކޮންމެވެސް ޑެޕިއުޓީކަމެއް ދީ އިބޫދޭކަހަލަ. ޓޫރިޒަމް ދާއިރާގަ ޑިގްރީ/މާސްޓާސް/ޑރ ކަންކިޔަވާފަ ތަޖުރިބާހުރި މޑޕ ނޫން ފިރިހެނަކާ ހަވާލުކޮއްލާ. މި ދެބަފައިން މަގާމު ދިފާއުކުރަން ކޮންމެފަދަ ކަމެއްކުރަންވެސް ޖެހިލުންނުވާވަރަށް ދަހިވެތިވެފަ މިތިބީ. ރައްޔިތުން މިހާ ގަބޫލު ނޫންވީމަ ދުރުވުން ރީތީ. އަނގަ ހަނޑި މީހުން ކަމަކު ނުދޭ ލައިވް ޓީވީގަ ކޮންމެ ދުވަހަކު ދައްކަން. ހުރިހާ ހާލަތެއަގަ ޕޮލައިޓްކޮށް ވާހަކަ ދައްކާ އަޚްލާގު ރަނގަޅު މީހަކު ބޭނުމީ މުއިއްޒު ކަހަލަ. މި ގޯސް ނަހަދާ ޕްލީޒް. އަދުރޭ ސަރ، ވިތް ރެސްޕެކްޓް ޕްލީޒް. ވީ އެޕްރިޝިއޭޓް ޔޫ ނ އާ ގްރޭޓްފުލް.

  7. ހުސްބަސްތީ

    އަމިއްލަ އެދުން ބޮޑީ ރައްޔަތުން އެތިބީ ކުރިންވެސް ތިބިގޮތަށް!