ޖަރުމަނުވިލާތުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 100،000 އަށް އަރައިފިއެވެ.

އެގައުގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު މިހާތަނަށް ޖުމްލަ 100،009 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ޖަރުމަނުވިލާތަކީ މުޅި ދުނިޔެއިންވެސް 4 ވަނައަށް އެންމެ ގިނަބަޔަކު ފައްސިވެފައިވާ ގައުމެވެ. ނަމަވެސް އެގައުމުން މި ބަލިޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކަން ފާހަގަކުރެވެއެވެ.

ޖަރުމަނުން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 1،575 މީހުންނެވެ. އޭގެތެރެއިން 132 މީހުންނަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންނެވެ. ޖަރުމަނަކީ މި ބަލީގައި 9 ވަނައަށް އެންމެ ގިނަ މީހުން މަރުވާ ގައުމެވެ.

މިހާތަނަށް ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 330،386 މީހަކު މި ބައްޔަށް ފައްސިވެފައިވެއެވެ.

ލިސްޓުގެ ދެވަނައިގައި އޮތް ސްޕެއިންއިން މިހާތަނަށް 130،759 މީހަކު ފައްސިވެފައިވާއިރު، މުޅި ދުނިޔެއިން ތިން ވަނައަށް އެންމެ ގިނައިން ފަސްސިވެފައިވަނީ އިޓަލީންނެވެ. އެގައުމުން މިހާތަނަށް ޖުމްލަ 128،948 މިހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ކޮވިޑް-19 ބާރަށް ފެތުރެމުންދާއިރު، މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 1,261,309 މީހަކު މި ބައްޔަށް ފައްސިވެފައިވެއެވެ. އޭގެތެރެއިން 68,472 މީހަކު މަރުވެފައިވާއިރު، 260,036 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު