ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 1341 މީހަކު މަރުވެއްޖެ އެވެ.

ފްރާންސުން އިއްޔެ މަރުވި މީހުންގެ އަދަދަށްވުރެ މިއަދު މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އިއްޔެ މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ 541 މީހެކެވެ. ނަމަވެސް އިއްޔެ މަރުވި މީހުންގެ ތެރޭގައި ނާސިން ހޯމްތަކުން މަރުވި މީހުން ހިމަނާފައެއް ނުވެއެވެ.

މިއަދަކީ ފްރާންސުން ތިންވަނަ އަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 07 ވަނަ ދުވަހު އެވެ. އެދުވަހު 1417 މީހަކު މަރުވިއެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 02 ވަނަ ދުވަހު އެވެ. އެދުވަހު 1355 މީހަކު މަރުވިއެވެ.

މިހާތަނަށް ފްރާންސުން މަރުވި މީހުންގެ އަދަދު 12210 އަށް އަރައެވެ.

މިއަދު ފްރާންސުން ވަނީ އިތުރު 4799 މީހަކު ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއަދު ފައްސިވި މީހުންގެ އަދަދު ވެސް ވަނީ އިއްޔެ އަށްވުރެ އިތުރު ވެފައެވެ. އިއްޔެ ފައްސިވީ 3881 މީހެކެވެ. މިހާތަނަށް ފްރާންސުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 117749 އަށް އަރައެވެ.

މިހާތަނަށް 23206 މީހަކު ވަނީ ފްރާންސުން ރަނގަޅު ވެފައެވެ.

މިއަދު ވަނީ އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް މަދުވެފައެވެ. މިހާރު އައިސީޔޫގައި ފަރުވާ ދެމުން ގެންދަނީ 7066 މީހަކަށެވެ. އިއްޔެ އައިސީޔޫގައި 7144 މީހަކަށް ފަރުވާ ދިނެވެ.

ފްރާންސްގައި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު އިތުރުވި ނަމަވެސް އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގެ ހާލަތު މިހާރު ދަނީ ޕީކަށް އެޅުމާއި ކައިރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު